އިންޑިއާގެ ހަނގުރާމަމަތީ މަނަވަރަކުން ޕާކިސްތާނުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް (އީ.އީ.ޒެޑް) ވަދެ، ބައިނަލްއަޤްވާމީ އުސޫލުތަކާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ ޕާކިސްތާނުން ރަސްމީކޮށް އިޙްތިޖާޖުކޮށްފިއެވެ.
މިކަމާ ގުޅިގެން ޕާކިސްތާނުގެ ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އިންޑިއާގެ 'އައި.އެން.އެސް ކޮލްކަޓާ' ނަމަކަށް ކިޔާ މަނަވަރު ވަނީ ޕާކިސްތާނުގެ ކަނޑުގެ ސިފައިން ތަމްރީނުތަކެއް ކުރިއަށްގެންދިޔަ ސަރަޙައްދަށް ވަނުމަށް ތަކުރާރުކޮށް މަސައްކަތް ކޮށްފައެވެ. މި ހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ 'ސީ ސްޕާކް 26' ތަމްރީނުތައް މި މަހުގެ ކުރީކޮޅުން ފެށިގެން ކުރިއަށްދަނިކޮށެވެ.
ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު 15 ވަނަ ދުވަހު އިންޑިއާގެ މަނަވަރުން ހިންގި ނުރައްކާތެރި ހަރަކާތެއްގެ ސަބަބުން ޕާކިސްތާނުގެ 'ޕީ.އެން.އެސް ހުނައިން' މަނަވަރުގައި ވަނީ ޖެހިފައެވެ. މި ހާދިސާގައި ޕާކިސްތާނުގެ މަނަވަރުން ކުރިމަތިލުމަކުން ސަލާމަތްވާން މަސައްކަތް ކުރި ނަމަވެސް، އިންޑިއާގެ މަނަވަރުން ބާރު ދުވެލީގައި ގޮސް އެ ސަރަޙައްދު ދޫކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާއިރު، އިންޑިއާއިން ވަނީ ޕާކިސްތާނުގެ ތުހުމަތުތައް ދޮގުކޮށް، އެއީ އާދައިގެ ހަރަކާތެއް ކަމަށް ބުނެފައެވެ. ނަމަވެސް ޕާކިސްތާނުން ވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists