މިއީ ޢިލްމަށް ލޯބިކުރުމުގެ މިސާލެއް ފަދަ ހައިރާންކުރުވަނިވި ވާހަކައެކެވެ. މި ޙާދިސާއަކީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި، "އަބޫ ބިލާލް" ނަމަކަށް ކިޔާ އިސްރަށްވެއްސަކު އޭނާގެ ގޭގެ ފާރެއްގެ އެތެރޭގައި ސިއްރު ލައިބްރަރީއެއް ހަދައި، ފާއިތުވި 15 އަހަރު ދުވަހު ފޮރުވާފައި ބެހެއްޓި އަގުހުރި ޢިލްމީ ޚަޒާނާއެއްގެ ވާހަކައެވެ.
މިއީ ހަމައެކަނި ތަކެތި ރައްކާކުރުމަށް އެޅި ފިޔަވަޅެއް ނޫނެވެ. މިއީ ހަނގުރާމައިގެ ސުންނާފަތިކަމާއި ޚުދުމުޚުތާރު ވެރިކަމެއްގެ ބާރުގެ ދަށުން މި އަގުބޮޑު ފޮތްތައް ސަލާމަތްކުރުމަށްޓަކައި ރޭވުންތެރިކަމާއެކު އެޅި ހިކުމަތްތެރި ފިޔަވަޅެއްވެސް މެއެވެ.
2011 ވަނަ އަހަރު ސޫރިޔާގެ ހަމަނުޖެހުންތައް ފެށުމާއެކު، އަބޫ ބިލާލް، އޭނާގެ ދަރިފުޅުގެ އަގުބޮޑު އިސްލާމީ އަދި ތަޢުލީމީ ފޮތްތަކާއި، ޤުރުއާނުގެ ސަނަދުތައް ހަލާކުވެދާނެކަމުގެ ބިރު ބޮޑުވިއެވެ. އަދި ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށި، އަސަދުގެ ސަރުކާރުން މަނާކޮށްފައިވާ ފޮތްތައް ގެންގުޅޭ މީހުން ހައްޔަރުކޮށް އަނިޔާކުރަން ފެށުމުން، އެންމެ ފަހުން އަބޫ ބިލާލް އޭނާގެ ގޭގެ ކޮޓަރިއެއްގައި ސިއްރު ކޮންކްރީޓް ފާރެއް ރާނާ، އޭގެ ފުރަގަހުގައި އެތައް ސަތޭކަ ދީނީ، އިލްމީ ފޮތްތަކާއި އަދި ޤުރުއާން ހިތުދަސްކުރިކަމުގެ ސަނަދުތައް ފޮރުވިއެވެ. އެއަށްފަހު އޭނާ ވަނީ ޤައުމު ދޫކޮށް ކުވެއިތަށް ހިޖުރަކޮށްފައެވެ.
ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން، ގާތްގަނޑަކަށް 15 އަހަރަށްފަހު އަބޫ ބިލާލް އެނބުރި ޤައުމަށް އައިސް އޭނާ ވަނީ ކުރިން ރޭނި ފާރު ތަޅާލާލައި ފޮތްތައް ނަގާފައެވެ. ފޮތްތައް އަލުން ނެގިއިރު އެއިން އެއްވެސް ފޮތަކަށް ގެއްލުމެއް ނުލިބި ބެހެއްޓި ގޮތަށް ހުއްޓެވެ. ބިލާލް ރައްކާތެރި ކުރި މި ފޮތްތަކުގެ ތެރޭގައި އިސްލާމީ ޢިލްމާއި، ތާރީޚާއި، ފަލްސަފާ އަދި މިހާރު ލިބެންނެތް ލިޔުންތައްވެސް ހިމެނެއެވެ.
މިހާރު މި ފޮތްތައް ކެޓަލޮގްކޮށް، އަންނަން އޮތް ޖީލުތަކަށްޓަކައި ޑިޖިޓަލްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އަބޫ ބިލާލްގެ މި ހިތްވަރުގަދަ ޢަމަލަކީ އޭނާގެ ދަރިފުޅުގެ ތަޢުލީމީ ކުރިމަގަށްޓަކައި ކުރި އަގުނުކުރެވޭ ފަދަ ޚިދުމަތެކެވެ. މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ.
މިއީ ތާރީޚާއި ޢިލްމު ފޮހެލުމާ ދެކޮޅަށް ފަރުދީ ފެންވަރުގައި ކުރެވުނު ފާހަގަކޮށްލެވޭ މަސައްކަތެއްގެ ދިރިހުރި މިސާލެއްކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists