އިންޑިއާގެ މުމްބާއީގައި ފަލަސްޠީނަށް ތާއީދުކޮށް ގުޑި އެރުވުމުގެ ކެމްޕެއިނެއްގައި ބައިވެރިވި މާސްޓާސް ދަރިވަރެއް ކަމުގައިވާ ހަރްޝަދާ ބޮރާޑޭގެ ގެ، އިންޑިޔާ ފުލުހުންގެ ޓެރަރިޒަމާ ދެކޮޅު ޔުނިޓުން ވޮރެންޓަކާ ނުލައި ބަލައި ފާސްކުރި ކަމަށް އެ ދަރިވަރު ތުހުމަތުކޮށްފިއެވެ.
ހަރުޝަދާ އާދީއްތަ ދުވަހު ޢާންމުކުރި ވީޑިއޯއެއްގައި ބުނެފައިވާ ގޮތުގައި ޣައްޒާގެ ކުޑަކުދިންނާ އެކުގައިވާކަން ހާމަކުރުމަށް ބޭއްވި ގުޑި ކެމްޕެއިނެއްގައި ބައިވެރިވި ފަހުން ހުކުރު ދުވަހުގެ ހަވީރު ފަހެއް ޖެހީއްސުރެ ހޮނިހިރު ދުވަހުގެ ދަންވަރު ތިނެއް ޖެހެންދެން، މަދުވެގެން 15 ފުލުހުން އެ ގޭގައި ހަރަކާތްތެރިވި ކަމަށެވެ. އަދި އެ ފުލުހުން ޤާނޫނީ ނޯޓިސެއް ވެސް ކޯޓު އަމުރެއް ވެސް ދައްކާފައި ނުވާ ކަމަށް އޭނާ ބުނެފައިވެއެވެ.
އޭނާ ބުނިގޮތުގައި ޔުނީފޯމް ނާޅާ ތިބި ފުލުހުން ރަސްމީ ލިޔުމެއް ދެއްކުމަށް ދެކޮޅު ހެދިއެވެ. އެ މީހުން ގެއަށް ވަދެ އޭނާގެ ނޯޓްފޮތްތަކާއި ޑައިރީތައް ބެލި ކަމަށާއި ފޮތްތަކުގެ ނަންތައް ލިޔެ ގޭގައި ހުރި ތަކެތި ފޮޓޯ ނަގައި ވީޑިއޯ ކުރި ކަމަށް ވެސް ހަރުޝަދާ ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އެ ގޭގެ ވެރިފަރާތުން ގެ ހުސްކުރަން އެންގި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ހަރުޝަދާ ހަރަކާތްތެރިވާ ޖަމާޢަތް ކަމުގައިވާ "އިންޑިއަން ޕީޕަލް އިން ސޮލިޑެރިޓީ ވިތް ޕެލެސްޓައިން" (އައިޕީއެސްޕީ) އިން ތުހުމަތުކޮށްފައިވާ ގޮތުގައި ބަލައި ފާސްކުރުން ނިމުނީ ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ދަންވަރު 2:30 ގައެވެ. އަދި ފުލުހުން ހަރުޝަދާގެ ރައްޓެހިންނާ ހަރުކަށިކޮށް މުޢާމަލާތްކުރި ކަމަށާއި ދެ ވޮލަންޓިއަރެއްގެ އަތުގައި ބިޑި އަޅުވައި ފޯނު އަތުލި ކަމަށާއި ޤާނޫނީ ފިޔަވަޅު އެޅުމާއި ޖިސްމާނީ އަނިޔާގެ ބިރު ދެއްކި ކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.
އައިޕީއެސްޕީން ބުނި ގޮތުގައި ބަލައި ފާސްކުރުމުގެ ރެކޯޑުގައި ވާ ގޮތުން މި ފާސްކުރުމަކީ ކުރީއްސުރެ ރާވައިގެން ހިންގި ކަމެއް ނޫން ކަމަށާއި ހަރުޝަދާގެ "ޝައްކު ކުރެވޭ ފަދަ ޢަމަލުތައް" ފެނުމުން ސީނިއާ ފުލުހުންގެ ހުއްދައާ އެކު ކުރި ކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists