ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން މިއަހަރުގެ މިހާތަނަށް ކުރި، ބޭރު ފައިސާގެ މުއާމަލާތްތަކުގެ އަގު 336 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ގައުމީ ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެ ބޭންކުގެ ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ކޮށްފައިވާ ބޭރު ފައިސާގެ މުއާމަލާތްތައް ވަނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކަށެވެ. އެ ވިޔަފާރިތަކަށް މި މުއްދަތުގައި 208 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ޕީއޯއެސް (ޕޮއިންޓް އޮފް ސޭލް) މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކަށް 93 މިލިއަން ޑޮލަރު ހޭދަވެފައިވާއިރު، ރާއްޖެއިން ބޭރުން ނަގުދު ފައިސާގެ ގޮތުގައި އޭޓީއެމްތަކުން 34 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ.
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
މި މުއްދަތުގެ ތެރޭގައި ބޭރު ފައިސާ ދޫކޮށްފައިވާ މައިގަނޑު ދާއިރާތަކަށް ބަލާއިރު، ވިޔަފާރިތަކުން މުދާ އެތެރެކުރުމަށާއި އެހެނިހެން ބޭނުންތަކަށް ޓީޓީ ހެއްދުމަށް 224 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ނަގުދު ފައިސާގެ ގޮތުގައި 86 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، ހައްޖާއި އުމުރާގެ އަޅުކަމަށް ދިޔަ ފަރާތްތަކަށް 5.8 މިލިއަން ޑޮލަރު ވަނީ ފޯރުކޮށްދީފައެވެ.
ހަމައެއާއެކު، ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތައުލީމީ ބޭނުންތަކަށް 40 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. އަދި ސިއްހީ ފަރުވާއަށް ބޭރަށް ދާ ފަރާތްތަކަށް 33 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ. ސިއްހީ ބޭނުންތަކަށް މިއަހަރު ދޫކުރި އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ދާއިރާއަށް ދޫކޮށްފައިވަނީ 14 މިލިއަން ޑޮލަރެވެ.
ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާއި އޮންލައިން ވިޔަފާރިތައް ފުޅާވަމުން އަންނަ މިންވަރާ އެއްވަރަށް، ދިވެހި ރުފިޔާ އެކައުންޓުތަކުން ބޭރު ފައިސާ ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަން ބޭންކުގެ ހިސާބުތަކުން ދައްކައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists