އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރާ ދެކޮޅަށް ދިއްލީގެ ޖަންތަރު މަންތަރުގައި ބާއްވަން ރޭވި މުޒާހަރާގައި ބައިވެރިވުމަށް ދަތުރުކުރި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ލީޑަރު، އަބީޖީތު ދިޕްކޭ އާއި އެ ޕާޓީގެ ދެ ތަރުޖަމާނުން، ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރިގޮތުގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ދަތުރުކުރި ފްލައިޓް ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާ އެކު މާ ގިނައިރުތަކެއް ނުވަނީސް ފުލުހުން ބޯޓަށް އަރައެވެ.
ސީޖޭޕީން އެ ޕާޓީގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، ފަސިންޖަރުން ފައިބަން ނުފެށެނީސް ފުލުހުންގެ ޓީމެއް ވަނީ ބޯޓްތެރެއަށް ވަދެއެވެ. އަދި އެއަށްފަހު ދެ މީހުން ހައްޔަރުކުރެއެވެ.
ދިއްލީ ފުލުހުންގެ ސީނިއާ އޮފިޝަލަކު ހައްޔަރުކުރި ކަން ޔަގީންކޮށްދެމުން ބުނީ، ސައުތުވެސްޓް ޑިސްޓްރިކްޓް ފުލުހުންގެ ޓީމުތައް އެ އެއާޕޯޓަށް ފޮނުވާފައިވާ ކަމަށެވެ. ސީޖޭޕީގެ ލީގަލް އެފެއާޒް ހެޑް، ރަތުނާ ސިންގު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ސީޖޭޕީން ނެރުނު ބަޔާނުގައި ދިއްލީ ފުލުހުން ކުރިއާލައި ރާވައިގެން ހިންގި މި އޮޕަރޭޝަނުގެ ބޭނުމަކީ، ސުލްހަވެރި މުޒާހަރާގެ ލީޑާޝިޕް، މުޒާހަރާއަށް ދިއުމުގެ ކުރިން ހައްޔަރުކުރުމެވެ. ވެރިރަށް ދިއްލީން ރެއިްނ ފެށިގެން 1,000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ އިރު، އެނޫން ތަންތަނުންވެސް ވަނީ، މީހުން ހައްޔަރުކޮށްފައެވެ.
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists