އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވެފައިވަނީ، ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ކ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު މަދަރުސާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ހެނދުނު ކުރިއަށް ދިޔަ މި ރަސްމިއްޔާތަށް އެކަމަނާ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓަރު ގީލާ އަލީއެވެ.
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކ.ގުރައިދޫގައި ކުރިއަށްދިޔަ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް
ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް ކޮންމެހެން ބޭނުންތެރި ބަހާއެއް ކަން ފާހަގަކުރައްވައި، ވަކިން ހާއްސަކޮށް އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. ދޮށީ އުމުރުގެ މީހުންނަށް ކަމޭހިތުމަކީ އިސްލާމް ދީނުގައި ވެސް ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްކަން ފާހަގަކުރައްވަމުން، އެ ފަރާތްތަކަށް ގަދަރުކޮށް އެހީތެރިކަން ފޯރުކޮށްދީ، ރައްކާތެރިކަމާ ގުޅޭ ހުރިހާ ދާއިރާއަކަށް ހާއްސަ ފަރުވާތެރިކަމެއް ބެހެއްޓުމަށް ވެސް އެކަމަނާ ގޮވައިލެއްވިއެވެ.
ކ.ގުރައިދޫގައި ކުރިއަށްދިޔަ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް
ފާއިތުވި ދެތިން އަހަރުތެރޭ އިސްރަށްވެހިންގެ މަރުކަޒުތައް ހުޅުވެމުންދާކަން ފާހަގަކުރައްވައި، އެ ތަންތަނުގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން އިސްރަށްވެހިންގެ އެކަނިވެރިކަން ފިލައި ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތައް އަންނަމުންދާ ކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އެ މަރުކަޒުތަކުގެ ދައުރު ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާވަމުންދާނެ ކަމުގެ ޔަގީންކަން ވެސް އެކަމަނާ ދެއްވިއެވެ.
އިސްރަށްވެހިންގެ ރައްކާތެރިކަމާއި ބެހޭ ހުރިހާ ދާއިރާއަކަށް އަޅުގަނޑުމެން މުސްލިމުން ހާއްސަ ފަރުވާތެރިކަމެއް ބަހައްޓަންޖެހޭ. އެ ބޭފުޅުންނަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަން، ރޫހާނީ ދުޅަހެޔޮކަން، ޖިސްމާނީ ދުޅަހެޔޮކަން، އަދި އިޖުތިމާއީ ދުޅަހެޔޮކަން ވެސް އަޅުގަނޑުމެން ކަށަވަރުކޮށްދޭން ޖެހޭ
މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މި ހަފުލާގެ ތެރެއިން ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ކަސްރަތު ހަރަކާތެއްގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists