އައްޑޫ ރައްޔިތުންނަށް ހައްގު މިންވަރަކީ މީތޯއެވެ؟

10 Sep 2019 | 11:16

އައްޑޫ ސިޓީގެ އާބާދީ އަކީ ބޮޑު އާބާދީއެއް ކަަމަށްވުމާއެކު، ކޮންމެ ވެރިކަމެއް ފެށުމުގެ ކުރިން، އައްޑޫއަށް ފޮނި ހުވަފެންތަކެއް ދައްކައެވެ. ކުރީ ސަރުކާރުވެސް، އަދި މި ސަރުކާރުވެސް ހަމަ އެފަދައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ފެއްޓެވީވެސް އައްޑޫއިންނނެވެ. އެ ސިޓީގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަަމަށް އެމަނިކުފާނު ވައުދުވިއެވެ. އަދި އެ ވައުދުތަކާއެކުގައި، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިންމަވާލެއްވީވެސް ހަމަ އައްޑޫ ސިޓީގައެވެ.

އެ އިންތިހާބުން ރައީސް ސޯލިހުއަށް ލިބިވަޑައިގެންނެވި މޮޅާއެކު، އައްޑޫގެ ރައްޔިތުން ތިބީ ނިކަން ގިނަ މަޝްރޫއުތައް އެސިޓީގައި ކުރިއަށްދާނެ ކަމުގެ ފޮނި އުއްމީދުގައެވެ. އެހެންނަމަވެސް އެކަމުގެ އެއްވެސް ކޮޅުމައްޗެއް ނުފެނި އުޅެނިކޮށް، ދެން އައީ މަޖިލީހުގެ އިންތިހާބެވެ. ސަރުކާރުން އަނެއްކާވެސް އައްޑޫ ރައްޔިތުންނަށް ކައްކައިދިނީ ހިޔާލީ ފޮލާއެވެ.

"އެޖެންޑާ19"ގެ ކެމްޕެއިންވެސް، މަޖިލިސް އިންތިހާބުގެ ދުވަސްވަރު އައްޑޫގައި ފެށީ "އައްޑޫ ތަސައްވުރު"ގެ ނަމުގައެވެ. އެހެންނަމަވެސް އައްޑޫ ސިޓީއިން ފެންނަމުންދާ މަންޒަރުތައް ވަރަށް ތަފާތެެވެ.

އެ ސިޓީ ފެންނަނީ "އަނދިރި"ކަމެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ފެންމަތިވެފައިވާއިރު، އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އަންނަ މަހުގައި ކަމަަށް ފެނަކައިން ވަނީ ބުނެފައެވެ. މިއީ އައްޑޫގެ ރައްޔިތުންނަށް ހައްގު މިންވަރު ކަމާމެދު އެ ސިޓީގެ ރައްޔިތުން މިއަދު ސުވާލު އުފައްދައެެވެ.

"ކަރަންޓު ނެތުމުން ކުދިންނަށްވެސް ވަރަށް އުނދަގޫވޭ ނިދަންވެސް" އައްޑޫގެ ރައްޔިތަކު ބުންޏެވެ.

"ދާއިމީ ހައްލެއް ބޭނުން. ވަގުތީ ހައްލަކުން ހިތްހަމަ ޖައްސާލެވޭކަށް ނެތް" އައްޑޫގެ ޒުވާނެއްގެ ޝުއޫރުތައް "ވޮއިސް"އާއި ހިއްސާ ކުރިއެެވެ.

އައްޑޫ ސިޓީއަކީ ސަރުކާރުން އަބަދުވެސް ހާއްސަ އިސްކަމެއް ދޭ ސިޓީއެއް ކަަމަށް، ކޮންމެ ސަރުކާރަކުންވެސް ބުނެއެވެ. އެހެންނަމަވެސް، ކޮންމެ ވެރިކަމެއްގައިވެސް ފެނިގެން މިދަނީ އެސިޓީގެ ރައްޔިތުން އެންމެ އަސާސީ ކަންކަމުންވެސް މަހުރޫމު ވަމުން އަންނަ މަންޒަރެވެ. އައްޑޫގެ ރައްޔިތުންނަށް ހައްގު މިންވަރަކީ މިއީތޯއެވެ؟ 

Advertisement

ކޮމެންޓް

Advertisement