އަފްރާޝީމުގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރަންޖެހޭ: އިދިކޮޅު

18 Nov 2019 | 00:25

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ކޮމިޝަނުން ތަހުގީގުކޮށް ނެރެނު ޑރ. އަފްރާޝީމު އަލީގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރަންޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ ޑރ. އަފްރާޝީމު އަލީ މަރުގެ މައްސަލަ، މަރުކޮމިޝަނުން ތަހުގީގުކޮށް އާންމުކުރި ރިޕޯޓުގައި، އަފްރާޝީމު މަރައިލުމުގައި ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ އަތެއް އެކަމުގައިވާކަމަށް ތުހުމަތުކޮށްފައިވާތީ، އެކަން ކުށްވެރިކޮށް މިރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.

އަފްރާޝީމްގެ މަރު ތަހުގީގު ކުރުމަށްފަހު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ ހިނގިރޭ "ޓީވީއެމް" ގެ ޕްރޮގްރާމަށް އަފްރާޝީމް އަރައިވަޑައިގެންނެވީ ވެސް ޝަހީމް ވިދާޅުވެގެން ކަމަށް ކޮމިޝަނަށް ކަށަވަރު ކުރެވޭ ކަމަށެވެ. 

ޑރ. ޝަހީމަށް މީހަކު ފޮނުވާފައިވާ ޓެކްސް މެސެޖެއްގައި ވަނީ އަފްރާޝީމް "ރުޖޫއަވެ މީޑިއާގައި މައާފަށް އެދިވަޑަައިގެން ތައުބާ ވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު" ކަމަށް ވާ ކަން ރިޕޯޓްގައި ބުނެ އެވެ. އަދި ޑރ. ޝަހީމް ވަނީ އެ މެސެޖް އަފްރާޝީމަށް ފޯވާޑް ކޮށްފައި ކަމަށް ރިޕޯޓްގައި ބުނެ އެވެ.

ޑރ. ޝަހީމުގެ މައްޗަށް އެފަދަ ތުހުމަތެއް ކުރުމުން އެކަން ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނީ، މިކަމަކީ ޑރ.ޝަހީމަށް އަމާޒުކޮށް، ރޭވިގެން ހިންގާ ޖަރީމާއެއް ކަމަށެވެ.

''މިއީ ސާބިތުނުހިފޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް، ޑރ.ޝަހީމްގެ އަގުވައްޓާލުމަށް ހިންގާ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަމަށް މިކޯލިޝަނުން ދެކެމެވެ. އެހެންކަމުން، ޑރ. އަފްރާޝީމް ޢަލީގެ އަވަހާރަކޮށްލި ޙާދިސާއާއި ގުޅޭގޮތުން މަރުކޮމިޝަނުން އިތުރު ދިރާސާތައްކޮށް، މިކަމުގެ އަޞްލާ ހަމައަށް ދިއުމަށް އިންސާފުވެރި ތަޙްޤީޤެއް ހިންގުމަށް މިކޯލިޝަނުން ގޮވައިލަމެވެ.'' ބަޔާނުގައި ވެއެވެ.

ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާ ތަހުގީގުކޮށް މަރުކޮމިޝަނުން ނެރެފައިވާ ރިޕޯޓާއި ގުޅިގެން ޑރ. ޝަހީމުގެ އަބުރުކަތިލައި، ޝަހީމާއި ބެހޭގޮތުން ސާބިތުނުހިފޭ ދޮގުވާހަކަތަކެއް ފަތުރަމުންދާ ކަމަށް ބަޔާނުގައި ވެއެވެ.

އަދި ޑރ.އަފްރާޝީމް އަވަހާރަކޮށްލުމުގެ ފަހަތުގައި ޑރ. ޝަހީމްގެ އަތެއްވާކަން ދެއްކުމަށް ބައެއްފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ބަޔާޏުގައި ބުނެފައިވަނީ، ޑރ. ޝަހީމަކީ އެފަދަ އަމަލެއް ހިންގާނެ ބޭފުޅެއްނޫންކަން ކޯލިޝަނުން ގަބޫލުކުރާ ކަމަށެވެ.

ޝަހީމަކީ ދީނީ އިލްމު އުނގެނިވަޑައިގެން ހުންނެވި، މާތް އަހުލާގެއްގެވެރި، ހެޔޮލަފާ، ރަނގަޅު އިލްމުވެރިއެއް ކަމަށް ބަޔާނުގައި ވެއެވެ. އެހެންކަމުން ޝަހީމުގެ ބޮލުގައިގައި އެފަދަ ބޮޑު އިލްޒާމެއް އެޅުވުމަށް ބަޔަކު ފަތުރަމުންދާ ވާހަކަތައް މިކޯލިޝަނުން  ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ވެސް ބަޔާނުގައި ވެއެވެ.


Advertisement

ކޮމެންޓް