ވެމްކޯގެ މުވައްޒަފުންތަކެއް ބުޅަލެއް ހިފާ ކޮތަަޅަކަށްލީ މައްސަލައެއް ފެންމަތިވެއްޖެ

19 Nov 2019 | 21:39

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފުންތަކެއް، ބުޅަލެއް ހިފުމަށްފަހު ކޮތަޅަކަށްލާ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި އާންމުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ބުޅަލުގެ ހައްގުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއް ހިމެނޭ ފޭސްބުކް ގްރޫޕެއްކަމުގައިވާ "މޯލްޑިވިއަން ކެޓަހޮލިކްސް" ގްރޫޕަށް މި ވީޑިޔޯ ލާފައިވާ ފަރާތުން ބުނެފައިވާ ގޮތުގައި މި ވީޑިޔޯ ނަގާފައިވަނީ ގްރޭޓާ މާލޭ ބަސް ޓާމިނަލް ކައިރިންނެވެ.

އެފަރާތުން ބުނިގޮތުގައި ވެމްކޯގެ މުވައްޒަފުން ވަނީ އެ ބުޅާ ހިފުމަށްފަހު ޕްލާސްޓިކް ކޮތަޅަކަށްލުމަށްފަހު، ކޮތަޅުގައި ގޮށް ޖަހާފައެވެ. ނަަމަވެސް އެ ބުޅާ އޭގެ ވަކިތައް ބޭނުންކޮށްގެން ކޮތަޅު ވަނީ ފަޅާލާފައެވެ.

އަދި މި މަންޒަރު ވީޑިޔޯ ކުރާތަން ފެނުމުން އެ ބުޅާ ދޫކޮށްލުމަށްފަހު، ހޭން ފެށިކަމަށްވެސް ވަނީ ބުނެފައެވެ.

Video link

މިކަމާއި ގުޅިގެން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވެމްކޯގެ މީޑިޔާ އޮފިޝަލް އުބައިދު ވިދާޅުވީ ވެމްކޯގެ މުވައްޒަފުންގެ ގާތުން ބުޅާ ހިފަން އައިސްފައި ނުވާކަމަށާއި، އެފަދަ ހާދިސާއެއްގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

އަދި މި ހާދިސާގެ ވީޑިޔޯ ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭނަމަ އަޅާނެކަމަށް އުބައިދު ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ފަހަކަށް އައިސް ބުޅަލަށް ކުރާ އަނިޔާތަކުގެ މިންވަރު ވަނީ އިތުރުވެފައެވެ.

Advertisement

ކޮމެންޓް

Advertisement