ހަޅައިގައި ވައިގަދަވުމުން އުދަ އެރުމުގެ ފުރުސަތު ބޮޑު: މެޓް

23 Jan 2020 | 18:59

މިހާރު ހަޅަޖަހަމުންދާ އިރު، ވައިގަދަވުމުގެ ސަބަބުން ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ މިދުވަސްވަރަކީ އިރުވައި މޫސުމުގެ ހަޅަޖަހަމުންދާ ދުވަސް ވަރަށްވުމުން، މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ހިސާބުތަކަށް އުދައެރުމުގެ ފުރުސަތުވެސް ބޮޑު ކަމަށް މެޓް އޮފީހުން ބުނެއެވެ.

މިހާރު ޖަހަމުންދާ ހަޅައިގައި ހާއްސަކޮށް، މެދު ރާއްޖެތެރެއަށް ކަނޑު ގަދަވެ ވައި ގަދަކަން މެޓް އޮފީހުން ފާހަގަކޮށްފައި ވެއެވެ.

މެޓުން ލަފާ ކުރާ ގޮތުގައި މިރޭ 10 ޖެހުމާ ހަމައަށް ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ.

އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް މެޓުން ބުނެ އެވެ.

އުދަ އަރާނެ ކަމަށް މެޓް އޮފީހުން ބުނެފައިވާއިރު، ރޭގެ ވަގުތެއްގައި ށ.ނ.ރ އަތޮޅުގެ ބައެއް ރަށްރަށަށް ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement