މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 134މައްސަލައެއް ޖެންޑާއަށް ހުށައެޅުނު!

28 Jan 2020 | 17:15

މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ގުޅޭ ތަފާތު 134މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށައެޅުނުކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ މިިިނިސްޓްރީން ވަނީ ޖުމްލަ 283މައްސަަލައަކަށް އެޓެންޑްކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާތަކާއި ގުޅޭ މައްސަލަތަކެވެ. 

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 134މައްސަލައެއް މިދިޔަ މަހު ރިޕޯޓްކުރެވުނުކުރިއިރު، އޭގެ ތެރޭގައި އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 66 މައްސަލަ ރިޕޯޓްކުރެވިފައިވެއެވެ.

މީގެ އިތުރުން ގިނަ އަދަދަކަށް ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައިގެ ގިނަ މައްސަލަވެސް ވަނީ ނިމިދިޔަ ޑިސެމްބަރު މަހުގައި އެ މިނިސްޓްރީއަށް ހުށައެޅިފައެވެ. އެބާވަތުގެ 27 މައްސަލަ ހުށައެޅުނުއިރު، ޖިސްމާނީ ހާނިއްކައިގެ 15 މައްސަލަ ވަނީ ހުށައެޅިފައެވެ.

މިދިޔަ މަހުގައި ވަނީ ވެކްސިން ނުދިނުމުގެ 7 މައްސަލައާއި ތައުލީމަށް ހުރަސް އެޅުމުގެ 6މައްސަލަވެސް ޖެންޑާއަށް ހުށައަޅާފައެވެ. އަދި ސިއްހީ ފަރުވާއަށް ހުރަސް އެޅުމާާއި ގަދަކަމުން ކައިވެނިކުރުމުގެ މައްސަލައެއްވެސް ވަނީ ހުށައެޅިފައެވެ.

Advertisement

ކޮމެންޓް