Advertisement

މިހާތަނަށް ޗައިނާ ފަތުރުވެެރިންގެ 1400އަށްވުރެ ގިނަ ބުކިންގ ކެންސަލްކޮށްފި

29 Jan 2020 | 00:06

ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން ޗައިނާއަށް ނިސްބަތްވާ 1400އަށްވުރެ ގިނަ ފަތުރުވެރިން ރާާއްޖެއަށް އަންނަން އޮތް ބުކިންގތައް ކެންސަލްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ އެ ވައިރަސް ފެތުރެން ފެށި ހިސާބުން 2000އަށްވުރެ ގިނަ ބުކިންގތައް ކެންސަލްކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ގިނައީ ޗައިނާާ ފަތުރުވެރިންގެ ބުކިންގކަމަށެވެ. އެގޮތުން މިހާތަނަށް  1466 ކެންސަލޭޝަން ޗައިނާާއިން އައިސްފައިވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ވޫހާންއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓެއް ނޯންނާނެކަމަށާއި، ނަމަވެސް ހާލަތާާއި ގުޅިގެން އެވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް ޑަބްލިޔުއެޗްއޯގެ ލަފަޔާއި އިރުޝާދުގެ މަތިން އަޅަމުންދާނެކަމަށެވެ. އަދި އެންމެ ފުރަތަމަ އިސްކަން ދެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ރައީސް ޞާލިހު މާދަމާ ބައްދަލު ކުރައްވާނެކަމަށާއި އެ ބައްދަލުވުމުގައި މަޝްވަރާކޮށް ނަގަން ޖެހޭ ނިންމުމެއް ނަންގަވާނެކަމަށެވެ.

އެބޭފުޅާ ވަނީ ޓްރޭވަލް އެޑްވައިޒަރީ ނެރެން ޖެހޭ ހާލަތެއްގައި އެކަންވެސް ކުރާނެކަމަށާއި އެކަމަކު އަދި އެ ހާލަތަކަށް ނުދާކަމަށްވެސް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް