ވައިރަހުގެ ނިޝާނެއް ފެނިއްޖެނަމަ ފުރަތަމަ ހޮސްޕިޓަލަށް ނުގޮސް ގުޅަންވީ ހޮޓްލައިނަށް!

08 Mar 2020 | 22:15

ކޮވިޑް-19 ވައިރަސް ނުވަތަ ކޮރޯނާ ވައިރަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ވައިރަހެކެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން ފެށިގެން އެންމެ ނިކަމެތި ގައުމުތަކުންވެސް މި ވައިރަސް މިވަނީ ފެނިފައެވެ. މި ވައިރަހާއި މެދު މުޅި ދުނިޔެ ކަންބޮޑުވެފައިވާއިރު، އޭގެ ތެރެއިން އެއް ގައުމަކަށް މި ކުޑަކުޑަ ދިވެހިރާއްޖެވެސް ވާނެއެވެ. މި ވައިރަހަށް ޕޮޒިޓިވްވެފައިވާ ދެ ކޭޭހެއް ފެނި، ދެ ރިސޯޓަކަށް މިވަގުުތު ވަނީ މީހުން އަރާފޭބުން މަނާކުރެވިފައެވެ.

މި ހާލަތާއިއެކު، ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުމުގެ ހާލަތަކަށް ވެއްޓިފައެވެ. މި ބަލީގެ އަލާމާތްތަކާާއި ފެތުރޭ ގޮތާއި މެދު ގިނަބަޔެއްގެ ހިތްތަކުގައި އަދިވެސް ވަނީ އެތަކެއް ސުވާލުތަކެއް އުފެދިފައެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ އެޕިޑޮމޮލޮޖިސްޓެއްކަމުގައިވާ ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވާ ގޮތުގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ކެއްސާ ކިނބިިިިހި އެޅުމުގައި ހަށިގަނޑުން މި ވައިރަސް ބޭރުވެގެންދެއެވެ. އެމީހާ ކެއްސާ ކިނބިހި އަޅާއިރު، ކައިރީގައިވާ މީހާގެ ލޮލަށް، ނޭފަތަށް ނުވަަތަ އަނގަޔަށް މި ކުުޅުތިކިތައް ހިނގައްޖެނަމަ އޭނާއަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެއެވެ.

އެހެންކަމުން ކެއްސާ ކިނބިިހި އަޅާނަމަ، އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފޭސް މާސްކެއް އެޅިދާނެކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

މި ވައިރަހުގެ އެހެނިހެން އަލާމާތްތަކުގެ ތެރޭގައި ކަރުގައި ރިއްސާ، ނޭވާލާން ދަތިވެ، ހުންއައިސް ކެއްސުން ހިމެނެއެވެ. މިފަދައިން ހުންއައިސް ކެއްސާ ފަރާތްތަކުން ގެއިން ބޭރަށް ނުގޮސް އެހެން މީހުންނާއި ގައިގޯޅިވެ ނޫޅުމަށާއި، އެފަރާތްތަކުން ބޭނުންކުރާ ސާމާނު އެހެން ފަރާތްތަކުން ބޭނުން ނުކުރުމަށާއި އަދި އެކަހެރިކޮށް ހުރެވޭނަމަ އެގޮތަށް ހުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ހިތަށް އަރާފާނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ދެން ހަދަންވީ ކިހިނެތްބާވައެވެ؟ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިރުޝާދުދޭ ގޮތުގައި މިފަދަ އަލާމާތެއް ފެނިއްޖެނަަމަ އެންމެ ފުރަތަމަވެސް ހޮސްޕިޓަލްފަދަ ގިނަ އަދަދެއްގެ ބަލި މީހުން އެއްވެ އުޅޭ ތަނަކަށް ނުދިއުމަކީ ރަނގަޅު ގޮތެކެވެ. އޭގެ ބަދަލުގައި އެންމެ ފުރަތަމަވެސް އެޗްޕީއޭގެ ހޮޓްލައިން ކަމުގައިވާ 1676އަށް ގުޅައި، އެފަރާތުން ދޭ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަކީ މުހިންމު ކަމެކެވެ.

ދިވެހިބަހުގެ ހަރުބަހެއްގައި އޮންނަފަދައިން "ރައްކާވެތިބިއްޔާ ދަތުރެވެ". އެގޮތުން ކޮވިޑް-19 ވައިރަހުން ރައްކާތެރިވުމަށް ކުރެވިދާާނެ ގިނަ އަދަދެއްގެ ކަންތައްތައް އެބަހުއްޓެވެ. އެގޮތުން ދޫނިސޫފާސޫފި ގެންގުޅެ ވިއްކާ އަދި ކަތިލާ ތަންތަނަށް ޒިޔާރަތް ނުކުރުން، ބަލިމީހުންނާއި ކައިރިން ނޫޅުން، ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވުން، ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ރަނގަޅަށް އަނގައާއި ނޭފަތް ނިވާކުރުން އަދި ބިހާއި އެއްގަމު މަސް ރަނގަަޅަށް ރޯ ފިލުވައިގެން ކެއުން ހިމެނެއެވެ.

މާތްﷲ މި ނުރައްކާތެރި ވައިރަހުން އަޅަމެން އެންމެން ސަލާމަތް ކުރައްވާށިއެވެ!

Advertisement

ކޮމެންޓް