Advertisement

މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި 5 ން 8 އަށް ކާފިއު!

01 Apr 2020 | 14:07

މާދަމާ އިން ފެށިގެން މާލެ ސިޓީގައި ހަވީރު 5 އިން ރޭގަނޑު 8 ކަށް މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތުތެއްކަމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުނު ބަޔާނެއްގައި ކަނޑައަޅައިފިއެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނު ކޮށްފައި ވީ ހިނދު، ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި (ށ) ގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދޭ ބާރުގެ ދަށުން، 2020 އެޕްރީލް 2 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އިން ފެށިގެން، ވަކި ގޮތެއް އަންގަންދެން، އަންނަނިވި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަމަށް އެބަޔާނުގައި ވެއެވެ.

ފިޔަވަޅުތައް:

1. މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި، ކޮންމެ ދުވަހެއްގެ ހަވީރު 05:00 އިން ރޭގަނޑު 8:00 އަށް

1.1 އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓައިލުން.

1.2 ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ) ގެ ޚިދުމަތް ހުއްޓައިލުން.

2. މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި، މަތީގައި ބަޔާންވެފައިވާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި،

އެއްފަހަރާ 3 (ތިނެއް) މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓައިލުން.

މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުން ތިރީގައި މިވާ ފަރާތްތަކާއި އުޅަނދުފަހަރު އިސްތިސްނާވާނެއެވެ.

1. ސަލާމަތީ ބާރުތަކާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.

2. ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.

3. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.

4. އުރީދޫ، ދިރާގު، ބޭންކުތައް، އެސް.ޓީ.އޯ، ސްޓެލްކޯ، އެމް.ޑަބްލިއު.އެސް.ސީ.ގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.

5. ދައުލަތުގެ “ޖީ” ބޯޑު ހަރުކޮށްފައިވާ) އުޅަނދުފަހަރު.

6. ޑިޕްލޮމެޓިކް އުޅަނދުފަހަރު.

7. އެމްބިއުލަންސް.

8. ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް.

9. ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.

10. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދޫކޮށްފައިވާ ޚާއްޞަ ސްޓިކަރ ޖަހައިފައިވާ އުޅަނދުތައް.

މިބަޔާނުގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެކަމަށް ބުނެފައިވެއެވެ.

މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށާއި އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އަންގާފައިވެއެވެ.

Advertisement

ކޮމެންޓް