މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެކުގައިވެސް ރާއްޖެއިން 2000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް: ރައީސް ނަޝީދު

15 Apr 2020 | 03:15

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަމާއިބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކާއި އެކުގައިވެސް ދިވެހިރާއްޖެއިން 2000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތާއި މެދު މަޝްވަރާ ކުރުމަށް މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރުންނާއި ޕީޖީ ގްރޫޕްގެ ލީޑަރުންނާއި އެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ރައީސް ނަަޝީދު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ދިރާސީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮވިޑް-19 އާއި ދެކޮޅަށް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުގައިވެސް 2000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބަ އޮތެވެ.

މީގެ ތެރެއިން ފަސް އިންސައްތައާއި ދިހަ އިންސައްތައާއި ދެމެދުގެ އަދަދެއްގެ ފަރާތްތަކަކީ ހައި ރިސްކު ފަރާތްތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އިޖްތިމާއީ ގައިދުރުކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން 210 ދުވަސް ތިބެން ޖެހޭކަމަށެވެ. އެހެންކަމުން މި 210 ދުވަހު މަޖިލީހުގެ ޖަލްސާތައް ވާޗުއަލްކޮށް ކުރިއަށްގެންދާނީތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

Advertisement

ކޮމެންޓް

Advertisement