އާސަންދައިން ލިބެންވާ ހުއްދަތައް ލިބުން ލަސްވުމުގެ ސަބަބުން ދުވަސް ނުފުރާ ވިހެއި ނިބޫ ދެކުދިންނަށް އިތުރު ފަރުވާ ނުލިބި ނިޔާވެއްޖެ

07 Jun 2020 | 16:58

އާސަންދައިން ލިބެންވާ ހުއްދައެއް ނުލިބުމުގެ ސަބަބުން، ދުވަސް ނުފުރާ ވިހެއި ނިބޫ (ޓްވިންސް) ދެ ކުއްޖަކު އިތުރު ފަރުވާއަށް މާލެ ނުގެނެވި ވަނިކޮށް ނިޔާވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ވަނީ އެ އާއިލާގެ މެންބަރަކު ވޮއިސްއަށް ކަށަވަރުކޮށްދީފައެވެ.

އާއިލާގެ މެެންބަރު ބުނީ އެ ކުދިންގެ މަންމައަކީ ދ.މީދޫއަށް ނިސްބަތްވާ ފަރާތެއް ކަމަށާއި، ނަމަވެސް ސިއްހީ މައްސަލަތަކެއް ދިމާވުމާއި ގުޅިގެން މިދިޔަ ހޯމަ ދުވަހުގައި ދ.ކުޑަހުވަދޫ ހޮސްޕިޓަލްގައި އެނދުމަތި ކުރެވުނު ކަމަށެވެ. އެ މެންބަރު ބުނީ ހަމަ އެދުވަހުގައި ކުދިންގެ މަންމަގެ ހާލަތު އެ ހޮސްޕިޓަލްގެ ފަރާތުން އައިޖީއެމްއެޗްއަށް އެންގިކަމަށެވެ. ނަމަވެސް އެ އަންހެންމީހާ މާލެއަށް ގެންދަން ހުއްދަ ނުލިބުނުކަމަށް ޑޮކްޓަރާއި ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.

ވޮއިސްއާއި ވާހަކަދެއްކި އާއިލާގެ މެންބަރު ބުނީ މި ހާލަތުގައި އޮއްވާ މިއަދު އެ އަންހެންމީހާ ބަނޑަށް ފަސްމަހުގައި ދުވަސް ނުފުރާ ދެކުދިން ވިހެއިކަމަށެވެ. އަދި ކުދިންގެ އުމުރާއި އަޅާބަލާއިރު ހާލަތު ރަނގަޅު ނަމަވެސް ދުވަސް ނުފުރާ ވިހެއުމުން އިތުރު ފަރުވާއަށް މާލެއަށް ދާން ޖެހުމުން އެކަމުގެ ހުއްދައަށް ކަމާއި ބެހޭ އިދާރާތަކުގެ ކިބައިން އެދެން ފެށިކަމަށް ބުންޏެވެ.

އެގޮތުން އެ އާއިލާއަށް ވަނީ އެ ރަށު ކައުންސިލާއި އައިޖީއެމްއެޗްގެ ފަރާތުން ލިބެންވީ ހުއްދަތައް މާ ލަަސްތަކެއް ނުވެ ލިބިފައެވެ. ނަމަވެސް، މޯލްޑިވިއަންގެ ސީޕްލޭންގައި ދަތުރުކުރުމަށް އާސަންދައިން ބޭނުންވާ ލިޔުމެއް ލިބުން ލަސްވެގެން ސީޕްލޭން ސްޓޭންޑްބައިގައި އޮތަސް ދަތުރު ނުކުރެވި ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ.

އާއިލާގެ މެންބަރު ބުނިގޮތުގައި އާސަންދައިން ހުއްދަ ލިބުން ލަަސްވެގެން އެތަނަށް ގުޅުމުން އެކި ފަހަރު ދެމުން ގެންދިޔައީ އެކިއެކި ޖަވާބެވެ. މި ހާލަތުގައި ތިއްބާ މިއަދު މެންދުރު 12 ޖަހާކަށްހާއިރު ފުރަތަމަ ކުއްޖާ ނިޔާވެފައި ވަނިކޮށް، އާސަންދައިން ހުއްދަ ލިބިގެން ދިޔައެވެ.

އެއާއި އެކު ލަސްތަކެއް ނުވެ މޯލްޑިވިއަންގެ ސީޕްލޭން އެ ރަށާއި ހަމައަށް ފޯރިއެވެ. އެހެން ނަމަވެސް، ދަތުރުކުރާނެ ވަރަށް ވުރެ ދެވަނަ ކުއްޖާގެވެސް ހާލު ދެރަ ވެފައިވުމުން ދަތުރަށް ތައްޔާރީ ހާލަތުގައި ސީޕްލޭން އޮތެވެ. ނަމަވެސް ޕްލޭނަށް ނޭރެނީސް އެކުއްޖާވެސް ނިޔާވިކަމަށް އާއިލާގެ މެންބަރު އަސަރާއި އެކު ކިޔައިދިނެވެ.

މިކަމާއި ގުޅިގެން އާސަންދައިގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

Advertisement

ކޮމެންޓް

Advertisement