Advertisement

ރޭޕްގެ މައްސަލާގައި ހައްޔަރުނުކޮށް ފުލުހުން ދޫކޮށްލީ މަޖިލިސް މެންބަރެއްގެ ފިރިކަލުން؟

29 Jun 2020 | 18:30

ހުޅުމާލޭގެ ފަޅު ތެރޭގައި ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި ދެމީހުން ދޫކޮށްލިކަން މިއަދު ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

މީޑިޔާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ދެމީހުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ހުޅުމާލޭ ކައިރީގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ފަތިހު 05:00 ޖަހާކަށްހާއިރު ފުލުހުންނަށް ހުށައެޅުނު ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކުށުގެ ވެށިން ވަނީ 39 އަހަރުގެ ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ތުހުމަތު މަޖިލިސް މެންބަރެއްގެ ފިރިކަލުންނަށް، ފުލުހުންގެ ކޮމެންޓެއްނެތް

ކުށުގެ ވެށިން ޖިންސީ މިފަދަ މައްސަލަތަކުގައި ހައްޔަރު ކުރާ ފަރާތްތަކަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ތަހުޤީގުކުރާ ފަރާތްތަކެކެވެ. އެއީ ފުލުހުން އަމަލުކުރަމުން އަންނަ އާންމު އުސޫލެއްނަމަވެސް މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ. އެއާއެކު މީސްމީޑިއާއަށް ވަނީ ތުހުމަތު ކުރެވޭ ފަރާތްތައްކަމަށް ބުނެ މީސް މީޑިއާގައި ފޮޓޯތަކާއި ވަނަވަރު ހާމަކުރަމުންނެވެ.

ފުލުހުންގެ އޮފިޝަރެއް "ވޮއިސް" އަށް ކިޔައިދިންގޮތުގައި ކުށުގެވެށިން ގެންދެވިފައިވަނީ ސަރުކާރުގެ އިސްފަރާތެއްގެ ފިރިކަލުންނެވެ.

މިމައްސަލާގައި ތަކުރާރުކޮށް މީޑިއާތަކުން ޕޮލިސް މީޑިއާގައި ސުވާލުކުރުމުންވެސް ޖަވާބު ދީފައެއްނުވެއެވެ.

އިއްޔެ ފަތިހު ހިނގި މިހާދިސާގެ މައުލޫމާތު މީޑީއާއާއި ހިއްސާކޮށްފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ފުލުހުން މި މައްސަލާގައި ތަފްސީލް ހާމަކޮށްފައިވަނީ "ވޮއިސް" އިން މި ހަބަރު ގެނެސްދިނުމުން ރޭގެ ވަގުތެެއްގައިއެވެ. 

Advertisement

ކޮމެންޓް