28 Jul 2020 | 14:30
އާދަމް ޝަރީފް އުމަރު: ދިވެހިރާއްޖޭގެ 56 ވަނަ މިނިވަން ދުވަސް ފާހަގަ ކުރާއިރު....

ލިޔުނީ: އާދަމް ޝަރީފް އުމަރު

އިންޑިއާ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި، ސަލާމަތާއި ރައްކާތެރިކަމާއެކު، މިނިވަންކަމުގެ ހިޔަލުގައި މިޤައުމު ލެއްވިކަމީ ދިވެހިންގެ ނަޞީބެވެ. އެކަމަށްޓަކައި ގަދަކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދުކޮށް ޝުކުރުކުރަންޖެހެއެވެ.

ދިވެހިން މިހާރު ތަޖުރިބާ ކުރަމުން މިދަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ޤައުމުގެ ސިޔާދަތަށް އެންމެ ނުރައްކާވެފައިވާ ދުވަސްތަކެވެ. ރާއްޖޭގައި ތިބި ބިދޭސީން ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ހަމަލަދޭން ފަށައިފިއެވެ. ދިވެހިން ރަހީނު ކުރަން ފަށައިފިއެވެ. ޓޫރިސްޓުންނަށް ޓެރެރިޒަމްގެ ހަމަލާތައް އަމާޒުވެއްޖެއެވެ. ދިވެހި ޤައުމު މިއޮތީ އިސްތިޢުމާރީ ބާރަކުން ޤައުމު ހިފީމާ އޮންނާނެގޮތަށް ކަމަށް، ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގައި ސަލާމަތީ ޚިދުމަތްތަކުން ބުނެފިއެވެ.

ދިވެހި ޤައުމުގެ ސިޔާދަތަށް ނުރައްކާވުމުން، ޤައުމީ ސަލާމަތަށް ނުރައްކާވުމުން، ޤައުމު ސަލާމަތް ކުރުމުގެ ބަދަލުގައި ސަރުކާރުން އަމާންދީގެން މިތިބީ ކީއްވެތޯއެވެ؟ އާދެ! ޖަވާބަކީ ޤައުމިއްޔަތެއް ނެތުމެވެ.

ޤައުމިއްޔަތަކީ ކޮބައިތޯ؟ އާދެ! ޤައުމިއްޔަތަކީ ރުކުންތަކެއްގެ މައްޗަށް ދައުރުވަމުންދާ ޖަޒުބާތުތަކާއެކު ކުރެވޭ ކަންތައްތަކެކެވެ. ދިވެހިޤައުމިއްޔަތުގެ ރުކުންތަކަކީ، މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހިބަހާއި، އާދަކާދައާއި ޘަޤާފަތެވެ. ޤައުމުގެ ހައިބަތާއި ކަރާމާތާއި ޤައުމުގެ އިސްތިޤްލާލް ރަމްޒުކޮށްދޭ ކަންކަމެވެ. ޤައުމީ ސަލާމާއި ޤައުމީ ނިޝާނާއި، ޤައުމީ ދިދައަށް އިޙުތިރާމް ކުރުމެވެ. ޤައުމަށް ބޮޑުކަމެއް ކުރިމަތިވުމުން އުފެދޭ ޖަޒުބާތެވެ. ބަޔަކު ރާއްޖެއަށް އަރައިގަނެފާނެކަމަށް ބުނީމާ، "އާނދޮގޭ! ހަމަ ލިހާ ނުކެރޭނޭ" ބުނެވުމާއި އެފަދަ ކަމަކަށް ހުޝިޔާރުވުމެވެ. އެގޮތަށް ތިޔަ ބޭފުޅުންނަށް ވިދާޅުވެވޭނަމަ، ތިޔަ ބޭފުޅުންގެ ހިތްޕުޅުތައް ތިޔަވަނީ ޤައުމީ ލޯބިން ޖަރީވެފައެވެ. ނަމަވެސް، އަޅުގަނޑުމެންގެ ކިބައިގާ ޤައުމިއްޔަތެއް މިހާރު އެބައޮތްތޯއެވެ؟

މާތްﷲގެ އެއްކައުވަންތަކަމާމެދު ސުވާލު އުފައްދައި، އިސްލާމް ދީނަށް ހަޖޫ ޖަހައި، މުޙައްމަދުއްރަސޫލުﷲ ޞައްހަﷲ ޢަލައިހި ވަސައްލަމައަށް މަލާމާތްކުރާ ބަޔަކު އިސްލާމް ދީނަށް އޮންނާނީ ކޮން ލޯތްބެއްތޯއެވެ؟ ކޮން އިޙުތިރާމެއްތޯއެވެ؟ އިސްލާމީ ޙަޟާރަތު ދިރުވަން އުޅޭނެތޯއެވެ؟ ޤާނޫނުއަސާސީއަށް ކޮޅުފައިން އެރި ބަޔަކު، ދިވެހި ޤައުމީ ދިދައާއި ޝަރުޢީ ކޯޓުތަކާއި ފުލުހުންގެ މުއައްސަސާތަކާއި ދައުލަތުގެ އެތައް މުދަލެއްގައި ހުޅުޖެހި ބައެއްގެ ހިތުގައި އޮންނާނީ ކޮން ޤައުމިއްޔަތެއްތޯއެވެ؟

ޤައުމިއްޔަތެއް ނެތް ބަޔަކު ވެރިކަމުގެ ކޮއެލުތެރޭގައި ތިބެއްޖެނަމަ، ޤައުމަށް ޣައްދާރުވާނެކަން ރާއްޖޭގެ ތާރީޚު ހެކިދެއެވެ. މީލާދީން 1490 ވަނަ އަހަރު ރަސްކަމަށް އިސްވެވަޑައިގެންނެވި ކަޅުމުޙައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން 9 ވަނަ ޙަސަން ރަސްގެފާނު ރާއްޖޭގެ ރަސްކަން ހޯއްދެވުމަށްޓަކައި 1550 ވަނަ އަހަރު އިސްލާމް ދީން ދޫކޮށްލިއެވެ. ދީން ބަދަލު ކުރެއްވިއެވެ، އަދި ރާއްޖެ ހިފަން ބެރު ބަޔަކު ފޮނުއްވިއެވެ.

މިތާރީޚު، ރާއްޖޭގައި އަބަދުވެސް އިޢާދަވެއެވެ. 2018 ވަނަ އަހަރުވެސް އަވަށްޓެރި ޤައުމަކަށް ދިވެހި ޚާއިނުންތަކެއް ގޮސް، އެޤައުމުގެ ސިފައިން ރާއްޖެ ހިފުމަށް ހިތްވަރު ދީފައިވެއެވެ. އެފަދަ ބަޔަކު ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ވިއްކާލަން ޖެހިލުމެއް ވާނެހެއްޔެވެ؟

ޤައުމުގެ ސިޔާދަތަށް މިއަދު ނުރައްކާވެފައި މިވަނީ ޤައުމުގެ އިޤުތިޞާދު އިނދަޖެހި، ކޮރަޕްޝަން ޢާންމުވެ، ޚާއިނުންގެ މަކަރުވެރިކަމާއި ޚިޔާނާތްތެރިކަމުގެ ސަބަބުންނެވެ. އެ ޚާއިނުންގެ މަކަރުވެރިކަމުގެ ދަލުގައި ދިވެހިންގެ ތެރެއިން މަޢުޞޫމު ބަޔަކު ޖެހުމުގެ ސަބަބުންނެވެ. "އައްޔަކަސް އަނދިއަކަސް ވާނީ އެއްގޮތްކަމަށް" ހީކުރެވުމުގެ ސަބަބުންނެވެ.

ވިސްނަވާލައްވާށެވެ! ވަކި ބަޔަކު ވެރިކަމުގައި ތިބިއިރު، ޙައްޤުތަކުގެ ވާހަކަ ދެއްކި މީހުން މިހާރު އެޙައްޤުތަކާއި އެއިމްތިޔާޒުތަކުގެ ވާހަކަތައް ނުދައްކާ ހިމޭނުން އެތިބެނީ ކީއްވެތޯއެވެ؟ އިންޞާފު ލިބުން ލަސްވަމުންދާއިރުވެސް މިހާރު ކަންބޮޑުނުވަނީ ކީއްވެތޯއެވެ؟ ކޯވިޑްގެ ބަލިމަޑުކަމާއެކު ދިވެހިންނަށް ކުރިމަތިވެފައިވާ ތަދުމަޑުކަމުން އަރައިގަތުމަށް ބޭރު ޤައުމުތަކުން ލިބުނު އެހީތައް "ކާފައަށް، ކާފަ ދަރިއަށް، ކާފަ ދޮންފުތަށް" ބަހާލީމާ ވެސް އެއީ، ކޮރަޕްޝަނަށް ނުވަނީތޯއެވެ؟

ޤައުމެއްގެ މިނިވަންކަން ގެއްލެން އެންމެ ބޮޑަށް މެދުވެރިވަނީ އެޤައުމެއްގެ އިޤުތިޞާދު އިނދަޖެހޭ ވަޤުތުތަކުގައެވެ. ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާ ބޮޑުވަމުން މިދަނީ އިޤުތިޞާދު ހީނަރުވަމުންދާތީއާެކުގައެވެ. އެކަން ޙައްލު ކުރުމުގެ ޤާބިލުކަމެއް ސަރުކާރަކު ނެތެވެ. ސަރުކާރުގައި އޮތީ ކޮރަޕްޝަނާއި ނުފޫޒެވެ.

މިއަދު ޢަދުލުއިންޞާފުގެ މީޒާނަކީ ކޮރަޕްޝަނާއި ނުފޫޒެވެ. އަނިޔާއާއި ބޭއިންޞާފުގެ ހަންމުށި ހުއްޓުވައިދެނީ ވެސް ކޮރަޕްޝަނާއި ނުފޫޒެވެ. މާއްދިއްޔަތާއި ނުފޫޒުގެ ބޭނުންކޮށްގެން، ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް ބަދަލުގެނެވިދާނެކަމުގެ ރަނގަބީލު މިއަދު ރާއްޖޭގައި ދަނީ ޖެހެމުންނެވެ. އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ތަޢާރަފުކޮށް، ބިދޭސީންނަށް ރެސިޑެންސް ވީސާ ދޫކުރާނެކަމުގެ ޑަނޑޫރާ މިހާރު އެދަނީ ޖަހަމުންނެވެ.

ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ޤައުމަކަށްވާތީ ބައެއް އިސްތިޢުމާރީ ބާރުތަކުން އަބަދުވެސް އެކަމާ ކަންބޮޑުވެއެވެ. އެއާއެކު، އިސްލާމް ދީނާ ބީރައްޓެހި ޑިމޮކްރަސީއެއް ރާއްޖެއަށް ފެއްތުމަށް އިސްތިޢުމާރީ ބާރުތަކުން ދަނީ ނުފޫޒު ފޯރުވަމުންނެވެ. އެއީ ސެކިއުލަރިޒަމް ރާއްޖޭއަށް ތަޢާރަފު ކުރުމުގެ ނިޔަތުގައެވެ.

މިފަދަ ނުރައްކާތެރި ދަނޑިވަޅުތަކުގެ ބޭނުން އިސްތިޢުމާރީ ބާރުތަކުން ނަހަމަގޮތުގައި ހިފައި، ރާއްޖެ އިތުރަށް އަޅުވެތި ކުރުމަށް މަސައްކަތް ކުރަމުންދާނެއެވެ. ޤައުމު މިހާރު މިވަނީ ޙަޤީޤީ މާނައިގާ އަޅުވެތިކަމުގެ އަނދަވަޅަކަށް ވެއްޓިފައެވެ. ދިވެހި ޤައުމުގެ ފުރިހަމަ މިނިވަންކަން އަނބުރާ ދިވެހިންނަށް ހޯދައިދިނުމަށް މިހާރު މިވަނީ ޙިކުމަތްތެރިކަމާއެކު މަސައްކަތް ކުރަންޖެހިފައެވެ.

ދިވެހި ޤައުމުގެ މިނިވަންކަން ދިވެހިންނަށް ހޯދައިދިނުމަށް ބޭނުންވަނީ ބޮޑުތަކުރުފާނުފަދަ ޤައުމީ ބަޠަލަކަށެވެ. ސުމުއްވުލްއަމީރުލްމަރުޙޫމް އިބުރާހީމް ނާޞިރު ފަދަ ޙިކުމަތްތެރި ސިޔާސީ ލީޑަރަކަށެވެ. ތުރުކީގެ ރައީސް ޠައްޔިބު އުރުދުޣާންފަދަ ވަރުގަދަ ސަޚުޞިއްޔަތަކަށެވެ.

ބަލަބަލާ ތިއްބާ ޤައުމުގެ ސިޔާދަތު ގެއްލި، އަޅުވެތިކަމުގެ މަގަށް ޤައުމު ދާންފެށުމުން، އަންގައިދެނީ މުސްތަޤިއްލު ވެރިކަމެއް ކުރުމުގައި މިސަރުކާރު މިވަނީ ފެއިލްވެފައިކަމެވެ. އެ ހިސާބުން ރައްޔިތުން ޤައުމު ސަލާމަތް ކުރުމުގެ ކަމަރު ބަންނަންޖެހެއެވެ. ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބޭ ބާރުގެ ބޭނުން ހިފުމުގެ ފުރުޞަތު ސަރުކާރުން ވެސް ރައްޔިތުންނަށް ދޭންޖެހެއެވެ. އަވަސް އިންތިޚާބަކަށް، ރައްޔިތުންގެ ވޯޓަކަށް ދާންޖެހެއެވެ. އެހެންގޮތެއް ނެތުނީމާ، ޖެހޭނީ ޤާނޫނީ އިމުގެތެރެއިން ސަރުކާރު ބަދަލު ކުރާށެވެ. އެ މަގަށް ރައްޔިތުންގެ މަޖިލީހުން ކަންކަން ތަރުތީބު ކުރަންޖެހެއެވެ.

ޤައުމު އެއްކޮށް އަޅުވެތިވުމުގެ ކުރިން، ޤައުމުގެ މިނިވަންކަން އެއްކޮށް ގެއްލިގެން ދިއުމުގެ ކުރިން، އަންނަން އޮތް ޖީލުތަކަށް މިނިވަންކަމާއެކު މިޤައުމު ވާޞިލުކޮށްދިނުމަށްޓަކައި އެންމެހާ ދިވެހި ލޮބުވެތި މުވާޠިނުން އަތާއަތް ގުޅާލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.