Advertisement

ބާރުގަދަ ގޮވުމަކާއި އެކު ބެއިރޫތު ގުޑުވާލައިފި

05 Aug 2020 | 12:24

މެދުއިރުމަތީގެ ގައުމެއްކަމަށްވާ ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ވިޔަފާރި ބަނދަރުގައި ބާރުގަދަ ގޮވުމެއް ގޮވައި، އެތައް ބަޔަކު މަރުވެ ގިނަބަޔަކު ޒަޚަމްވެއްޖެއެވެ.

މި ގޮވުމުގެ ވީޑިޔޯތައް މީސް މީޑިޔާގައި ދައުރުވަމުންދާއިރު، ވީޑިޔޯތަކުން ފެންނަ ގޮތުގައި ބެއިރޫތުގެ ވިޔަފާރި ބަނދަރުގައި އަލިފާން ގަނޑެއް ރޯވެ ދުން އަރަމުންދާ މަންޒަރު ފެނިގެންދެއެވެ. އެއަށްފަހު ކުއްލިއަކަށް ބާރުގަދަ ގޮވުމެއް ގޮވައި، ބޮޑު ދުންގަނޑެއް ވައިގެ ތެރެއަށް އަރާ މަންޒަރު ފެނިގެންދެއެވެ. މި ބާރުގަދަ ގޮވުމުގެ ސަބަބުން އެ ޝަހަރުގެ ގިނަ އިމާރާތްތަކަށްވެސް ވަނީ އަސަރުކޮށްފައެވެ. އެގޮތުން މި ގޮވުމުގެ ޝޮކްވޭވްތަކުގެ ސަބަބުން ބައެއް އިމާރާތްތަކާއި ކާރުތަކުގެ ބިއްލޫރިތައްވެސް ވަނީ ތަޅައިގެން ގޮސްފައެވެ.

އަދި ބައެއް އިމާރާތްތަކުގެ އޮނިގަނޑުތަކަށްވެސް ވަނީ ގެއްލުންތައް ލިބިފައެވެ.

މި ނުރައްކާތެރި ހާދިސާ ދިމާވާން މެދުވެރިވި ސަބަބެއް މިހާތަނަށް ލުބްނާނުގެ ސަރުކާރުން ރަސްމީގޮތުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެގައުމުގެ ދާޚިލީ ވަޒީރު މުހައްމަދު ފަހުމީއާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި މި ބާރުގަދަ ގޮވުން ހިނގާފައިވަނީ ބަނދަރުގެ ގުދަނެއްގައި ހުރި ގިނަ އަދަދެއްގެ އެމޯނިއަމް ނައިޓްރޭޓާއި ގުޅިގެންނެވެ.

އެމޯނިއަމް ނައިޓްރޭޓަކީ އާންމުގޮތެއްގައި ގަސްކާނާ އަދި ގޮވާތަކެތި ހެދުމަށް ބޭނުންކުރެވޭ އެއްޗެކެވެ.

ލުބްނާނުގެ ސިއްހީ ވުޒާރާއާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މިގޮވުމާއި ގުޅިގެން މިހާތަނަށް 70 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 3000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ނަމަވެސް މި އަދަދުތައް ވަރަށް ބޮޑުތަނުން އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެގައުމުގެ ކަމާާއިބެހޭ ފަރާތްތަކުން ލަފާކުރެއެވެ. ސަބަބަކީ މި ގޮވުމުގެ ސަބަބުން ގެއްލުން ލިބުނު އިމާރާތްތަކުގެ ތެރޭގައި މަރުވެފައި އަދި ޒަޚަމްވެފައިވާ ގިނަ ބަޔަކު ތިބެދާނެތީއެވެ. މި ހާލަތުގައި ބެއިރޫތު އޮތުމުން ލުބްނާންގެ ރެޑް ކްރެސެންޓުން ވަނީ ވީހާވެސް ގިނަ ބަޔަކު ލޭ ހަދިޔާކުރުމަށް އެދިފައެވެ. ބައިނަލްއަގްވާމީ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މި ގޮވުމާއި ގުޅިގެން ބައެއް ހޮސްޕިޓަލްތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

އަދި ހޮސްޕިޓަލްތަކުގެ ކެޕޭސިޓީއާއި އަޅާބަލާއިރު މީހުން އަންނަ އަދަދު އިތުރުވުމުން ބައެއް ހޮސްޕިޓަލްތަކުގެ ޕާކިންގ ލޮޓްގައިވެސް ދަނީ މީހުންނަށް ފަރުވާދެމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ލުބްނާނުގެ ސިއްހީ ނިޒާމަށް ވަނީ ނޭދެވޭ އަސަރުތަކެއްވެސް ކޮށްފައެވެ. އެހެންކަމުން ބައެއް ހޮސްޕިޓަލްތަކުން ދަނީ ވަސީލަތްތައް ނެތުމުން މީހުންނަށް އެކަށީގެންވާ ފަރުވާނުދެވި ބައެއް މީހުން އެހެން ހޮސްޕިޓަލްތަކަށް ފޮނުވަމުންނެވެ.

މި ހާދިސާއާއި ގުޅިގެން ޖައްވަށް ވިހަ މާއްދާތައް ބޭރުވެފައި ހުރެދާނެކަމަށް. ބެލެވޭތީ ނޭވާލުމުގެ މައްސަލަ ހުންނަ ފަރާތްތަކާއި ސިއްހީ ގޮތުން ބަލިހާލަތު ދެރަ ފަރާތްތަކުން ބެއިރޫތު ދޫކޮށް ދުރު ހިސާބުތަކަށް ދިއުމަށް އެގައުމުގެ ސިއްހީ ވުޒާރާއިން ދަނީ އިރުޝާދު ދެމުންނެވެ.

Advertisement

ކޮމެންޓް