ސިދުރަތުﷲގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވަނީ

30 Oct 2020 | 21:51

ރަސްފަންނު ސަރަހައްދުގެ މޫދުގައި މަރުވެފައި އޮއްވާ ފެނުނު ސިދުރަތުﷲ އަހުމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވުމަށް ނިންމައިފިއެވެ.

"ޕީއެސްއެމް ނިއުސް"އަށް މައުލޫމާތުދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފެށޭ ހަފްތާގެ ހޯމަ ނުވަތަ އަންގާރަ ދުވަހު ސިދުރަތުﷲގެ ހަށިގަނޑު އިންޑިއާއަށް ފޮނުވޭވަރު ވާނެކަމަށެވެ. އަދި އެކަން ލަސްވަނީ ހަށިގަނޑު ފޮނުވުމަށް ކުރަންޖެހޭ ގިނަކަންކަމަށް ވަގުތު ނަގާތީކަމަށް ހަމީދު ވިދާޅުވިއެވެ.

ސިދުރަތުﷲގެ ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވެންދެން އޭނާގެ ހަށިގަނޑު ބާއްވާފައިވަނީ ގަލޮޅު ސަހަރާގައެވެ.

ފުލުހުން މީގެކުރިން ބުނީ އައިޖީއެމްއެޗް ސަރަހައްދާ ދިމާލު މޫދު އަޑިން މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބަރކަދާވަޑު، މުޙައްމަދު ސިދުރަތުﷲ އަޙްމަދު (31އ)ގެ މަރުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އެފަރާތުން ބުނީ މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު ސިދުރަތުﷲ އަޙްމަދު އެންމެ ފަހުން ފެނިފައިވަނީ 2020 އޮކްޓޯބަރ 22 ވީ ބުރާސްފަތި ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށް ކަމަށެވެ.

އެހެންކަމުން، އެ ދުވަހުގެ އެ ވަގުތުގައި މުޙައްމަދު ސިދުރަތުﷲ އަޙްމަދާ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދޭން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް