ޑަބްލިޔުއެޗްއޯއިން ދިވެހިރާއްޖެއަށް ލެބޯޓްރީ އަދި ކޯލްޑް ޗެއިން އިކުއިޕްމެންޓް ހަދިޔާކޮށްފި

25 Feb 2021 | 22:06

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)ގެ ފަރާތުން ދިވެހިރާއްޖެއަށް ލެބޯޓްރީ އަދި ކޯލްޑް ޗެއިން އިކުއިޕްމެންޓްތަކެއް ހަދިޔާކޮށްފިއެވެ.

ވާޗުއަލް ރަސްމިއްޔާތެއްގައި މި އިކުއިޕްމެންޓްތައް ދިވެހިރާއްޖެއަށް ހަވާލުކޮށްދެއްވީ ޑަބްލިޔުއެޗްއޯ ސައުތު-އީސްޓް އޭޝިޔާ ރީޖަންގެ ޑިރެކްޓަރ ޑރ.ޕޫނަމް ކޭތްރަޕާލް ސިންގއެވެ. ދިވެހިރާއްޖޭގެ ފަރާތުން މިތަކެއްޗާއި ހަވާލުވެ ވަޑައިގެންނެވީ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމެވެ.

ޑަބްލިޔުއެޗްއޯގެ ރާއްޖޭގެ އޮފީހުން މަޢުލޫމާތުދޭ ގޮތުގައި މިއަދު މި ހަދިޔާކުރެވުނު ތަކެތީގެ ޒަރިއްޔާއިން، ކޮވިޑް-19 އަދި އެހެނިހެން ބަލިތަކާއި ގުޅޭގޮތުންވެސް ބޭނުންކުރެވޭނެ ކޯލްޑް ޗެއިން ސިސްޓަމެއް ގާއިމްކުރެވި، ކޮވިޑް-19، މީސްލްސް، ރުބެއްލާ އަދި އިންފްލޫއެންޒާ ފަދަ ބަލިތަކަށް ޓެސްޓްކުރުން ރަނގަޅުކޮށްދޭނެއެވެ. މިއަދު މި ހަދިޔާކުރި ކޯލްޑް ޗެއިން އިކުއިޕްމެންޓުން ކުރިއަށްއޮތް ދިހަ އަހަރަށް ވެކްސިން މެނޭޖްމެންޓަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.

ބެލެވޭ ގޮތުގައި މި ކޯލްޑް ޗެއިން އިކުއިޕްމެންޓާއެކު، ފިނިހޫނުމިން ވަރަށް ދަށުގައި ބަހައްޓަންޖެހޭ ފަދަ ވެކްސިންތައް ދިވެހިރާއްޖެއަށް ގެނެސް ޑިސްޓްރިބިއުޓް ކުރުމުގައި ބޮޑު ފަސޭހަކަމެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ކޮވިޑް-19އާ ދެކޮޅަށް ބޭނުންކުރާ ބައެއް ވެކްސިންތައްވެސް ހިމެނެއެވެ.

ދިވެހިރާއްޖެއަށް ދިމާވެފައިވާ އާންމު ޞިއްޙަތުގެ ގިނަ ކަންތައްތަކުގައި ޑަބްލިޔުއެޗްއޯއިން ދިވެހިރާއްޖެއަށް އަބަދުވެސް ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ.

ކޮމެންޓް