Advertisement

ޕިއްޒާކިޗަން ކުރު ވާހަކަ: ދަންތުރަ

03 Jul 2021 | 14:13

"ދެން ހެދޭނެ އެއްވެސް ގޮތެއް ނެތް. މިއީ ހާދަ ނުބައި މީހުން އުޅޭ ތަނެކޭ." ފަޒީން އޭނާގެ އަންހެނުން ޝަހީދާގެ ދެއަތުގައި ހިފައި ފިއްތާލިއެވެ. އޭރު ދެމީހުންގެ ލޮލުންވެސް ހޯސްލާފައި ކަރުނަތައް ފައިބަނީއެވެ. ގުދާރު ބިނދޭ ވަރަށް ރެއާ ދުވާލު މަސައްކަތްކޮށް ހޯދި ފައިސާ ގެއްލިގެން ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ގެއްލުނު ފައިސާތައް ހޯދޭނެ ގޮތެއްވެސް ނެތެވެ. މާނޭވާ ލެވޭވަރަށް، ދެއިރު ދެދަޅައަށް ކޯޓަށް ދުވިއްޖެއެވެ. ވީ އެއްވެސް ކަމެއް ނެތެވެ. ފަޤީރަކަށް އަޅާލާނެ މީހަކު ނުހުންނާނެއެވެ. ފަޤީރެއްގެ ޙައްޤުތައް ހިމާޔަތްކޮށްދޭނެ ދައުލަތުގެ މުއައްސަސާއެއް ވެސް ނުހުންނާނެއެވެ. މިއީ ކޮންކަހަލަ އިންސާފެއް އޮތް ތަނެއް ހެއްޔެވެ؟.

ފަޒީން އާއި ޝަހީދާގެ ދަރީން ސްކޫލަށްދާ އުމުރަށް ދިއުމާއެކު، ދެމަފިރިން ބަދަލުވީ މާލެއަށެވެ. ފަޒީން އަކީ ރަށުގައި ރެސްޓޯރެންޓެއް ހިންގަމުން އައި މީހެކެވެ. ޝަހީދާ އަކީ ގޭގައި ދަރީން ބަލަމުން ފެހުމުގެ މަސައްކަތް ކުރާ މީހެކެވެ. ފަޒީންގެ ދަރީން ބޮޑެތިވާންވާއިރަށް އޭނާ ހުރީ އެކަމަށް ދުރާލާ ތައްޔާރުވެގެންނެވެ. އެކަމަށް ފައިސާ ރައްކާކޮށްގެންނެވެ. އޭނާ މާލެ ބަދަލުވީ ރަޙުމަތްތެރިއަކާއެކު މާލޭގައި ރެސްޓޯރެންޓުގެ ވިޔަފާރި އިތުރަށް ފުޅާކޮށްގެން އެތަނުގައި ދިރިއުޅެން ވިސްނައިގެންނެވެ. ފަރާޝާ އާއި ފާއިޤާ އަކީ ކިޔެވުމަށް ޝައުޤުވެރިކަން ހުންނަ ވިސްނުންތޫނުފިލި ދެ ކުދީންނެވެ. މާލެއަށް ބަދަލުވީ ކުއްޔަށް ފެންވަރުގެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށެވެ. އޭރު މާލެގައި ހުޅުވަން ތައްޔާރުވާ ރެސްޓޯރެންޓުގެ މަސައްކަތް ނިމެނީއެވެ. ދެން ހުރީ އެތަނަށް ސާމާނު ވެއްދުމުގެ މަސައްކަތެވެ.

ކުދީން ސްކޫލަށް ވައްދާ ގޭގެ ހުރިހާ ކަމެއް ހަމައަކަށް އެޅުމަށް ތިން ހަފުތާ ހޭދަވެގެން ދިޔައެވެ. ފަރާޝާ އާއި ފާއިޤާ ދިޔައީ އަމީނިއްޔާ ސްކޫލުގެ ގްރޭޑް އެކަކަށެވެ. ދުވާލުގެ އިރުއަރާ އިރުއޮއްސެންދެން ޝަހީދާގެ މަސައްކަތަކީ ދަރީންގެ ކަންކަން ބެލުމާއި، ގޭތެރެ ބެލެހެއްޓުމެވެ. އަދި ހެދުން ފަހަން އޯޑަރު ލިބޭ ވަރަކަށް ހެދުން ފެހުމެވެ. ފަޒީން ގިނަ ވަގުތު އުޅެނީ ރެސްޓޯރެންޓްގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމުގައެވެ. އަދި ރަށު ކޮޅުގައި ހުންނަ އޭނާގެ ރެސްޓޯރެންޓަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމާއި، އެތަން ހިންގަމުން އަންނަ ގޮތްވެސް ފަޒީން ދިޔައީ ގާތުން ބަލަމުންނެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި ދެމަފިރިން އުޅެމުންވެސް ދަރީން ކައިރީ ވަގުތު ހޭދަކުރުމަށް އަބަދުވެސް އިސްކަން ދެއެވެ.

ޝަހީދާ އަކީ މިޒާޖުގައި މަޑުމައިތިރި މީހެކެވެ. ނަމަވެސް ފަޒީން އަކީ އޭގެ އިދިކޮޅެވެ. އޭނާ އަކީ ނިކަން ސަކަރާތްބޮޑު މީހެކެވެ. މީހުންނާއި ވާހަކަދައްކާ ގުޅުން ބަދަހިކުރުމަކީ އޭނާއަށް އެއްވެސް އިރެއްގައި އުނދަގޫ ކަމެއް ނޫނެވެ.

ގާތްގަނޑަކަށް އަށްމަސް ދުވަހު ހުއްޓާނުލާ ކުރި ބުރަ މަސައްކަތުން ތަން ހުޅުވޭވަރު ވިއެވެ. އެތަނަކީ ކުރީން އެހެން ރެސްޓޯރެންޓެއް ހިންގާފައި ހުރި ތަނަކަށް ވުމާއެކު ބޮޑު ރިނޮވޭޝަނެއް ކުރަންޖެހުނެވެ. އެރޭ ފަޒީން އާއި އޭނާގެ އަނެއް ޕާޓްނަރު އަރުޝީފްގެ ގާތް އެކުވެރިންނާއި، ޢާއިލާ މީހުން އެތަން ހުޅުވުމުގައި ބައިވެރިވިއެވެ. ޝަހީދާ ވެސް ހުރީ އެރޭ ވަރަށް ނަލަ ހެދިފައެވެ. "މަގޭ ޖަންބުމާ މިރޭ ގެއްލޭނެ." ދަރީންނާއެކު ރެސްޓޯރެންޓުގެ މޭޒެއް ކައިރީ އިށީންނަމުން އޭނާގެ އަންހެނުން ކޮލުގައި ހިފާލަމުން ފަޒީން ބުންޏެވެ. އެހިނދު ޝަހީދާ އާއި ހުރިހާ ކުދީން އެއްފަހަރާ ހިނިގަނޑެއް ޖަހާލިއެވެ. "މިހާ މީރު ޕާސްތާގަނޑެއް އަދި ދުވަހަކުވެސް ނުކަން. މަށަށް ވަރަށް ހީވޭ މީތި ހިނގާނެހެން." ޝަހީދާ ކާން ފަށާފައި ބުންޏެވެ. އެހިނދު ފަޒީން އޯޑަރ ކޮށްގެން އިން ކޮފީތަށި އެއްފަރާތްކޮށްލުމަށްފަހު ޝަހީދާގެ ތަށީން އެތިކޮޅެއް ކާލިއެވެ. "ވާއު!.. މަށަށް ލަންކާއިން މި ގެނެވުނީ ބަރާބަރު ކައްކާއެއް ދޯ. ދަރިފުޅުމެންގެ ކާ އެއްޗެހި ކަމުދޭތަ؟" ފަޒީން އޭނާގެ ދަރީންނާއި ކުރި ސުވާލަށް އާނއެކޭ ބުނުމުގެ ގޮތުން ދެ ކުދީން އެއްފަހަރާ ބޯ ޖަހާލިއެވެ.

އެވަގުތު އަރުޝީފް ހެވިފައި އެ ދިމާލަށް އަންނަންތަން ފެނެއެވެ. އޭނާ ގާތުގައި އިތުރު މީހަކު ވެސް ހުއްޓެވެ. "ފަޒީން، މިއީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް. އިކްރާމް. ފަޒީން ނަގާފަ ދެން އެންމެ ބަރާބަރު މީހާ މީ. ތިގޭ ހުންނަ މަގު ނޫން އަނެއް މަގުގަ މި މީހުން ގެ ހުންނާނީ." އަރުޝީފް އޭނާގެ ގާތް އެކުވެރިޔާ އިކްރާމް ތަޢާރަފު ކޮށްދިނެވެ. ފަޒީން ހިނިތުންވެލުމަށްފަހު އޭނާއާއި ސަލާން ކުރިއެވެ. އަދި ވަރަށް ރަނގަޅަށް ކައިގެން ދިއުމަށް އެދުނެވެ. އިކްރާމް އާނއެކޭ ބުނުމަށްފަހު އަރުޝީފް އާއެކު އެތަނުން ހިނގައިގަތެވެ. ޝަހީދާ އާއި ކުދި ވެރީން އެރޭ ވަރަށް ރަނގަޅަށް ކެއެވެ. އެކުދީން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.

ރެސްޓޯރެންޓް ހުޅުވުމާއެކު ތަނުގެ ހުރިހާ ކަމެއްހެން ފަޒީން ދިޔައީ ވަރަށް ގާތުން ބަލަމުންނެވެ. އަރުޝީފަށް ބޮޑަށް ހަވާލުވެފައި އޮތީ މާރކެޓިންގެ މަސައްކަތްތާއި ފައިސާގެ ކަންކަން ބެލުމެވެ. އަރުޝީފަށް މާރކެޓިން ކަންކަމުގައި އެހީތެރިވުމަށް އިކްރާމް ވެސް ހަރަކާތްތެރިވެއެވެ. މިގޮތުގައި އުޅެމުން ތިން މީހުން މެދުގައި ވަރަށް ވަރުގަދަ އެކުވެރި ކަމެއް އުފެދިގެން ދިޔައެވެ. ތިން މީހުން އެކީގައި ދިމާވާއިރު ބައެއް ފަހަރު ފަޒީން، ޝަހީދާވެސް ގޮވައިގެން އެމީހުންނާއި ބައްދަލުކުރަން ދެއެވެ. މިގޮތަށް ދާ ދިއުމުގަ އިކްރާމް ބައެއް ފަހަރު ޝަހީދާއަށް ބަލާގޮތުން އޭނާއަށް ވަރަށް އުނދަގޫވެއެވެ. ބައެއް ފަހަރު ކޮފީއަށް ގޮސް ނުވަތަ ކާން ގޮސް ތިބޭއިރު، ދުރުގައި ހުންނަ ފެންފުޅި ނޫނީ ޓިޝޫ ބޮކްސް ފަދަ ތަކެތި ދޭއިރު، އިކްރާމްގެ އަތުން ޝަހީދާގެ އިނގިލިތަކުގައި ބީހިލައެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އޭނާ ފަޒީން ގާތު ނުބުނެއެވެ. އެ ތިން މީހުންގެ ގުޅުމަށް ބުރޫ އަރާފާނެތީއެވެ. އޭގެ ބަދަލުގައި ޝަހީދާ އެމީހުންނާއެކު އެއް ސުފުރާ މައްޗަށް އެރުން ތަންކޮޅެއް މަދުކޮށްލިއެވެ.

އަހަރަކަށް ފަހު އަހަރެއް ފާއިތުވަމުން ދިޔައި އިރު ފަޒީން އައީ ފަހަށް ވަރަށް ބައިވަރު ފައިސާ ރައްކާކުރަމުންނެވެ. ދަރީން ބޮޑެތިވަމުން އައި ވަރަކަށް އޭނާ ދިޔައީ އެކުދީންގެ މުސްތަޤުބަލާއި މެދު ކުރިއަށް ވުރެ ބޮޑަށް ވިސްނަމުންނެވެ. ދެ ކުދިން ގްރޭޑް ހަތަކަށް ދިޔައިރު ފަޒީން މާލޭގައި ހެދުން ފިހާރައެއް ހުޅުވިއެވެ. އެއީ ފަޒީން ރައްކާކުރި ފައިސާއިން އޭނާ އަމިއްލައަށް ހުޅުވި ފިހާރައެކެވެ. ނަމަވެސް އެތަނަށް މުދާ ގަންނަން ރާއްޖެއިން ބޭރަށް ދާއިރު އަރުޝީފް އާއި އިކްރާމް އޭނާއާއެކު ބައިވެރިވެއެވެ. މިގޮތަށް ބެންކޮކަށް ދެވުނު ދަތުރެއްގައި އިކްރާމް، ފަޒީނަށް ވަރަށް ރަނގަޅު ޚިޔާލެއް ހުށައެޅިއެވެ. "އެއީ ތިން މިލިއަން ރުފިޔާއަށް ވިއްކާ އެޕާޓްމަންޓްތަކެއް. މިހާރު ގާތްގަނޑަކަށް ނިމިފަ އެ ހުރީ. ފަޒީނަށް އެއް މިލިއަނަށް ދީފާނަން. ޑައުންޕޭމަންޓް ބޭނުމެއް ނޫން. އެއް މިލިއަން ދީފަ ފަޒީން އެތަނަށް ވަންނަންވީ. ޕާމެނަންޓް ތަނެއް ލިބުނީމަ ތިހެން ކުލި ދައްކަމުން އެއް ގެއިން އަނެއް ގެއަށް ދުވާކަށް ނުޖެހޭނެއްނު. ދަރިންގެ މުސްތަޤުބަލަށް ވިސްނިއަސް މީތި ސަޅިއެއްނު." އިކްރާމް ދިން ޚިޔާލު ފަޒީނަށް ވަރަށް ކަމުދިޔައެވެ. އިކްރާމަކީ ކޮންސަޓްރަކްޝަން ދާއިރާގައި އުޅޭތާ ގިނަ ދުވަސްވީ މީހެކެވެ.

އޭނާ އިމާރާތްކޮށްފައި ހުރި އެތައް ތަނެއް މާލޭ އާއި ހުޅުމާލޭގައި އެބަ ހުއްޓެވެ. ހުދު އޭނާގެ އަމިއްލަ ދެ ގެއެއް މާލޭގައި ހުރެއެވެ. ފަޒީން، އެކަމާއި ވިސްނާނެ ވާހަކަ އިކްރާމް ގާތު ބުންޏެވެ. އަރުޝީފް ވެސް އެކަމަށް ތާއީދު ކުރިއެވެ. ބެންކޮކް ދަތުރު ނިންމާލާފައި އައިރޭ ޝަހީދާ ހުރީ، ފަޒީންއަށް އެންމެ މީރު ބަނބުކެޔޮ ކިރުގަރުދިޔަ ކައްކާފައެވެ. ޢާއިލާ އެކުގައި ސުފުރާމަތީގައި ކެއުމަށް އިންސާފުކުރަން އިނދެފައި ފަޒީން އެ ވާހަކަ ޝަހީދާ އާއި ހިއްސާ ކުރިއެވެ. "ބައްޕާ ސުވިމިން ޕޫލް ހުންނާނެތަ؟" ފަރާޝާ ސުވާލުކުރިއެވެ. "އާނ ދަރިފުޅާ. އިކްރާމްބެ ބުނި ވަރަށް ރީތި ތަނެކޭ އެއީ. ބައްޕަ އެތަން ބަލާލަން ދާ ދުވަހުން ދަރިފުޅުމެން ވެސް ގެންދާނަން އިނގޭ." ފަޒީން ބުންޏެވެ. "ޔޭ....އައިއެމް ޓޫ އެކްސައިޓެޑް." ފާއިޤާ ހެވިދިލިފައި ފަރާޝާ ގައިގައި ބައްދާލިއެވެ. އެހިނދު ދަރީންނާއި އަނބިމީހާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން ފެނިފައި ފަޒީންއަށް އުފަލުން ނުރޮވުނީ ހަމަ ކިރިޔާއެވެ. އޭނާއަށް ހުރިހާ ވެސް އެއްޗަކީ އޭނާގެ އާއިލާއެވެ.

ފަޒީން އިހުނަށްވުރެ ބުރަކޮށް ވިޔަފާރީގެ ކަންކަމުގައި މަސްއޫލުވެ އުޅެން ފެށިއެވެ. ގިނަ ފަހަރު ގެއަށް ވެސް އާދެވެނީ ދަންވާ ފަހުންނެވެ. ކާން ގެއަށް އަންނަ ވަގުތުގައި ދަރީންނާއި އަންހެނުންނާއެކު ވަގުތު ހޭދަކުރެއެވެ. ޝަހީދާ ދުވަހަކުވެސް އޭނާއަށް ލިބޭ ވަގުތު މަދުވެގެން ޝަކުވާއެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާގެ ހުރިހާ ސަމާލުކަމެއް ދިނީ ދަރީންނަށް ކިޔަވައިދީ އެކުދީން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށެވެ. އެއްދުވަހަކު ފަޒީން ރެސްޓޯރެންޓަށް ވަދެފައި ތަނުގެ ހިސާބު ކިތާބު ކޮންމެވެސް ވަރަކަށް ބަލާލިއެވެ. މިގޮތަށް ދެތިން ދުވަހަކު ޗެކުކުރިއިރު ފައިދާގެ ގޮތުގައި ލިބޭ ފައިސާއިން ވަރަށް ބޮޑު އެއްޗެއް އުނިވެފައި ހުރި ކަމަށް ފަޒީނަށް ފާހަގަވިއެވެ. ދެމީހުންގެ ޖޮއިންޓް އެކައުންޓެއް އިންނަ އިރު، އެއަށް ވަދެފައި ހުންނަ ފައިސާ ބޮޑުތަނުން މަދުވެފައި ހުރުމުން ފަޒީން ހައިރާންވިއެވެ. ފަޒީން، އޭނާގެ އެންމެ ގާތްއެކުވެރިޔާ އަރުޝީފާއި ވަކީން ބައްދަލުކޮށް މި ވާހަކަތައް ހިއްސާކުރިއެވެ. އަރުޝީފުގެ ފަރާތުން އައީ ވަރަށް ތަފާތު ޖަވާބެކެވެ. އޭނާގެ މަންމަ ފަރާތު ބޮޑުބޭބެގެ އަތްމަތި ދަތިވެގެން އެކި ފަހަރު މަތިން ލޯނުގެ ގޮތުގައި ފައިސާ ދީފައިވާ ކަމަށާއި، އަދި އެހެން ގާތް ރައްޓެހިންނަށް ވެސް އެގޮތަށް ލޯނު ދީފައިވާނެ ކަމަށް އަރުޝީފު ބުންޏެވެ.

ނަމަވެސް ފަޒީން ހިތްހަމަ ނުޖެހުނީ އޭނާއަށް އެއިން އެއްވެސް ކަމެއް ނާންގާ އަރުޝީފް ކުރުމުންނެވެ. އެރޭ ދެމީހުންގެ މެދުގައި ކުޑަވަރެއްގެ ޒުވާބެއް ހިނގިއެވެ. ނަމަވެސް އިކްރާމް އައިސް އެ މައްސަލަ ޙައްލުކުރެވޭތޯ ބެލިއެވެ. މައްސަލަ ނިމުނު އިރު، އަރުޝީފު މަޢާފަށް އެދި އެކަހަލަ ކަމެއް ދެން ނުވާނެ ކަމުގައި ބުންޏެވެ. ފަޒީންވެސް ގޮތް ދޫކުރުމަށްފަހު އެކަން ދޫކޮށްލިއެވެ. ނަމަވެސް އެރޭ ފަޒީންގެ ހިތުގައި އަރުޝީފާއި މެދު ކިލަނބުކަމެއް އުފެދުނެވެ. އޭގެ ފަހުންވެސް ފައިސާއަށް ވާނުވާ ނޭންގި ދެމީހުންގެ މެދުގައި މައްސަލަ ޖެހެން ފެށިއެވެ. އެ ހިސާބުން ފަޒީން ނިންމީ ރެސްޓޯރެންޓް ބަންދުކުރުމަށެވެ. އަރުޝީފާއި އެ ވާހަކަ ހިއްސާކުރަންވެސް ޖެހުނީ އިކްރާމް މެދުވެރިކޮށެވެ. އަރުޝީފާއި، ފަޒީން އަނގައިން ބުނަނީ މަދު ފަހަރަކުއެވެ. އަރުޝީފު އެތަން ބަންދުކުރާކަށް އެއްބަހެއް ނުވިއެވެ. ފަޒީން އަކީ މިޒާޖުގައިވެސް ގޮތް ދޫކުރުމުގެ ސިފަ ހުންނަ މީހަކަށްވުމާއެކު އޭނާ ނިންމީ ރެސްޓޯރެންޓް އަރުޝީފަށް ދޫކޮށްލާށެވެ. ނަމަވެސް ބަދަލުގެ ގޮތުގައި ފަޒީނަށް ހަތަރު ލައްކަ ދޭގޮތަށެވެ.

ނަމަވެސް އަރުޝީފަށް އެއްފަހަރާ އެހާ ބައިވަރު ފައިސާ ދެވެން ނެތުމާއެކު އޭނާ އެ ފައިސާ އިންސްޓޯލްމަންޓް ޕޭމަންޓުގެ ގޮތުގައި ދެ އަހަރު ތެރޭ ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެއްބަސްވުމުގައި ސޮއިކުރި ދުވަހު އަރުޝީފު، ފަޒީނަށް ދެ ލައްކަ ރުފިޔާ ދިނެއެވެ. އަރުޝީފު އެހާ ބައިވަރު ފައިސާ ކުއްލިއަކަށް ދިނީ ކިހިނެއްތޯ ފަޒީންގެ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް ފަޒީން އިތުރަށް އަރުޝީފާއި ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ދެމީހުންގެ ގުޅުން ގޯސްވި ހިސާބުން ފަޒީން ކައިރީ އެންމެ ގާތުގައި ހިތްވަރުދޭން ހުރީ އިކްރާމެވެ. ފަޒީން އޭނާގެ ފިހާރައާއި ރެސްޓޯރެންޓްގެ މަސައްކަތްތައް އެއް ގިޔަރު މައްޗަށް ޖައްސާލިއެވެ. އަދި އިކްރާމް ބުނި އެޕާޓްމަންޓް ގަތުމަށްޓަކައި ރައްކާކުރަމުން އައި ފައިސާއިން އެއް މިލިއަން ރުފިޔާ އިކްރާމަށް ދިނެވެ. އިކްރާމް އަކީ ގާތް ރަޙުމަތްތެރިއަކަށް ވުމުން އޭނާ ނިންމީ ތަނަށް ބަދަލުވެފައި ދެމީހުން އެއްބަސްވާ ގޮތަކަށް އެގްރީމެންޓް ހެދުމަށެވެ. އޭރު އަރުޝީފުގެ ޚަބަރެއް ނުވާތާ އެތައް ޒަމާނެއް ފާއިތުވެއްޖެއެވެ. އެއީ ދެ ދަރީންގެ އޯލެވެލް އިމްތިޙާނުގެ އަހަރެވެ. ވުމާއެކު އިކްރާމް ބޭނުންވީ، ތަނަވަސް ހިތްގައިމު މާޙައުލަކަށް ބަދަލުވާށެވެ. ކުދީންގެ ކިޔެވުމަށް ރަނގަޅު މާޙައުލަކީވެސް ވިސްނަންޖެހޭ ކަމެއްގެ ގޮތުގައި ފަޒީން ގަބޫލުކުރެއެވެ. އިކްރާމް ބުނި އެޕާޓްމަންޓަކީ އެފަދަ ތަނެކެވެ.

އެހެން ނަމަވެސް ކަންކަން ބަދަލުވެގެން ދިޔައީ ފަޒީން އުއްމީދުކުރި ގޮތަކަށް ނޫނެވެ. އިކްރާމާއި ފައިސާ ހަވާލުކުރިތާ ހަފުތާއެއް ފަހުން އިކްރާމު ގެއްލުނެވެ. އޭނާގެ ފޯނަށް ގުޅައިގުޅައި ފޯނެއް ނުނަގައެވެ. އޭނާ އުޅޭނެހެން ހީވާ ހުރިހާ ތަނަކަށް ދެވިއްޖެއެވެ. އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ވެސް އެތައް ފަހަރަކު ދެވިއްޖެއެވެ. ހުންނަނީ ތަޅުލާފައެވެ. ފަޒީން އެންމެ ފަހުން އިކްރާމްގެ ޢާއިލާ ދިރިއުޅޭ ގެއަށް ދިޔައެވެ. "އަހާ ފަޒީން. އާދޭ އާދޭ!." ފަޒީން ފެނުމާއެކު، އިކްރާމްގެ މަންމަ ހަސީނާ ބުންޏެވެ. "ދައްތާ ވަންނާކަށް ނޫން މިއައީ. އިކްރާމުގެ ޚަބަރެއް ނުވެގެން މިއުޅެނީ. ފަޒީން ދޮރުމަތީގައި ހުރެފައި ހަސީނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ހުދު ހަސީނާވެސް ހުރީ ކައިރާންވެފައި، ރޮވިފައެވެ. ހަސީނާ ބުނިގޮތުގައި އޭނާގެ ދަރީންގެ ތެރެއިން އިކްރާމަކީ ހަސީނާއާއި އެހާ ގާތްކޮށް އުޅޭ ދަރިއެއް ނޫނެވެ. ގިނަ ފަހަރު އުޅޭ ނޫޅޭ ތަނެއް ހަސީނާއަކަށް ވެސް ނޭނގެއެވެ. ރާއްޖެއިން ބޭރަށް ފުރިއަސް ބުނެލަނީ މަދު ފަހަރެއްގައި ކަމަށް ހަސީނާ ބުންޏެވެ. "އެހެންތަ؟ އަހަރެން ހީކުރީ އަހަރެން ގޮވައިގެން ދޭތެރެއަކުން މިގެއަށް އަންނާތީ ދައްތައާއި ވަރަށް ގާތްކަމަށް." ފަޒީން ހުރީ ހަދާނެގޮތް ހުސްވެފައެވެ. "އޭނާ އަނެއްހެން އަހަރެންނަކަށް ގޯހެއް ނުވާނެ އެއްއިރެއްގަ ވެސް. އެކަމަކު ވަރަށް ފާޑެއްގެ މީހެއް އޭނައަކީ. އޭނަ ހިތަށް އެރީމަ މި ގެއަށްވެސް އެ ވަދެލަނީ." ހަސީނާގެ ވާހަކަތަކުން އެއްވެސް އަލިމަގެއް ފެންނަން ނެތުމާއެކު ފަޒީންއަށް އެންމެ ފަހުން ގުޅަން ޖެހުނީ އަރުޝީފަށެވެ.

އެތައް އަހަރުތަކަކަށްފަހު އެކި މީހުން ގާތު އަހައިގެން އަރުޝީފުގެ ނަންބަރަށް ގުޅިއިރު އޭނާގެ ފޯނަކަށް ނުގުޅެއެވެ. އަރުޝީފުގެ ރެސްޓޯރެންޓަށް ގޮސް އެތަނުގައި އުޅޭ މުވައްޒަފުން ގާތު އެހުމުން އެނގުނީ އަރުޝީފު މިހާރު ދިރިއުޅެނީ މެލޭޝިއާގައި ކަމެވެ. މިހާ ހިސާބުން ކޮންމެވެސް ކަމެއް ވަރަށް ބޮޑަށް ގޯސްވެއްޖެ ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އަރުޝީފު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރާ ވަރަށް އެންމެ ރެސްޓޯރެންޓަކުން އެހާ ފައިދާވޭ ހެއްޔެވެ؟. ފަޒީން މި ހުރިހާ ކަމެއް ޝަހީދާއާއި ހިއްސާކުރުމަށްފަހު ނިންމީ، ފުލުހުންނަށް އެ މައްސަލަ ހުށައެޅުމަށެވެ. އޭނާއަށް އިކްރާމާއި ދެކޮޅަށް މާ ބޮޑު ހެއްކެއް ހުށައެޅޭކަށް ނެތެވެ. ނަމަވެސް ފޯނު ކޯލު ރިކޯޑިންއާއި ޓްރާންސެކްޝަން ފަދަ ލިޔުންތައް އޭނާ ފުލުހުންނާއި ހިއްސާކުރިއެވެ. އަދި ވަގުތުން ލޯޔަރަކާއި ވާހަކަ ދެއްކިއެވެ. ފުލުހުންގެ ތަޙުޤީޤުން އެނގުނު ކަންކަމުން ފަޒީންއަށް ހުރެވުނީ ބަސްހުއްޓިފައެވެ. އިކްރާމަކީ އާދައިގެ މީހެއް ނޫނެވެ. އެއީ މާލޭގެ ނުފޫޒުގަދަ ޢާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ފުލުހުން ބުނި ގޮތުގައި އެއީ އިކްރާމާއި ދެކޮޅަށް ހުށައެޅުނު އެ ބާވަތުގެ ފުރަތަމަ މައްސަލައެއްވެސް ނޫނެވެ. އިކްރާމަކީ އެޕާޓްމަންޓް ކުއްޔަށް ނުވަތަ ވިއްކަން ބުނެފައި އެތައް ބައެއްގެ އަތުން ފައިސާ ހޯދައިގެން އުޅޭ ބޮޑު ވަގެކެވެ. ފުލުހުން ކޮންމެ ފަހަރަކު އެ މައްސަލަ ކޯޓަށް ވެއްދިއަސް ކޯޓާއި ހަމައިން އެ މައްސަލަ ބޭރުކޮށްލައެވެ. ފަޒީންގެ މައްސަލައަށް ވެސް ވީ ހަމަ މި ފަދައިންނެވެ. އިކްރާމްގެ ޣައިރު ހާޒިރުގައި މައްސަލަ ބެލުމަށްފަހު އޭނާއަށް ދަޢުވާކުރެވޭވަރަށް ހެކި ނެތުމާއެކު އެ މައްސަލަ ކޯޓުން ބޭރުކުރިއެވެ.

އެއީ ބޮޑު ސްކޭމެއް ނަމަވެސް އެކަން ބެލޭނެ އެއްވެސް ކޯޓެއް މުއައްސަސާއެއް ރާއްޖެއަކު ނެތެވެ. އިކްރާމް އެގޮތަށް މީހުންގެ އަތުން ފައިސާ ހޯދާފައި ހުރި އެތައް ބަޔަކާއި ފަޒީންއާއި ފަހުން ދިމާވިއެވެ. އެންމެން ވެސް އެ ވާހަކަތައް ކިޔައިދިނީ އަސަރާއެކުގައެވެ. ދާއޮހޮރުވައިގެން ގުދާރު ބިދޭވަރަށް އުމުރު ދުވަހު ކުރި މަސައްކަތުން ހޯދި އެތައް ފައިސާއެއް ގެއްލިގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ފަޒީނަށް ފަހުން ޚަބަރު ލިބުނު ގޮތުގައި، އަރުޝީފުވެސް އެކަމުގައި އިކްރާމާއެކު ހިއްސާވާކަން ވަނީ އެނގިފައެވެ. އިކްރާމްގެ ފުރަތަމަ ޓާގެޓަކަށްވީ ރެސްޓޯރެންޓެވެ. އަރުޝީފާއި އިކްރާމާއި ދެމީހުން ރާވައިގެން އެތަނުން ފަޒީން ބޭރުކުރީއެވެ. އަރުޝީފު އަތުން ދެ ލައްކަ ރުފިޔާ ލިބުނު ގޮތަށް ބާކީ ފައިސާ ފަޒީނަށް އަދިވެސް ނުލިބެއެވެ. އެ މައްސަލަވެސް ކޯޓަށް ލައިގެން ވީކަމެއް ނެތެވެ. މިގޮތުގައި ހުއްޓާ އިކްރާމް އަނެއްކާ އަނެއް ބޮނޑި ދިނީއެވެ.

ފަޒީން އެންމެ ގާތް ރައްޓެހިންގެ ގޮތުގައި ދެކުނު ދެމީހުންވެސް އޭނާއަށް ދޯކާދިނީއެވެ. ފަޒީން އެކަމާއި ރޮއެ ހިތާމަކުރިއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއްގެ ހިލަމެއް ދަރީންނަށް ވިޔަކަ ނުދެއެވެ. ފަޒީން އުފުލަމުން ދިޔަ ހުރިހާ ތަކުލީފެއްގައި ޝަހީދާ ހުރީ އޭނާގެ ގާތުގައެވެ. ދަރީން ކެނޑިނޭޅި ސުވާލުކުރަމުން އައީ އެއްކަލަ ރީތި އެޕާޓްމަންޓަށް ދެވޭނެ ދުވަހަކާއި ގުޅޭގޮތުންނެވެ. މިކަމުގެ ސަބަބުން ފަޒީންގެ ހެދުން ވިއްކާ ފިހާރައާއި، ރަށުގައި ހުރި ރެސްޓޯރެންޓަށްވެސް މާލީ ގޮތުން ވަރަށް ބޮޑެތި އަސަރުތައް ކުރިއެވެ. އެ ހާލަތުގައި ފަޒީންއަށް ހިތްވަރުކުރުން ނޫން އިތުރުގޮތެއް ނެތެވެ. އެންމެފަހުން ދަރީންނަށްވެސް ފަޒީން އެ ޚަބަރު ދިނެވެ. އެކުދީންވެސް އެކަމާއި ހިތާމަކުރިއެވެ. "ބައްޕާ، އިރާދަކުރެއްވިއްޔާ އަދި ރަނގަޅުވާނެ. އަހަރެމެންނަށްޓަކައި މިހާރު ވެސް ތިޔަ ކޮށްދެނީ އަގުނުކުރެވޭނެ ކަންކަން." ފަޒީންގެ ދެދަރިން ރޮއެގަނެފައި އޭނާ ގައިގައި ބައްދާލިއެވެ.

ދިރިއުޅުމުގައި އޭނާއަށް ކުރަން ޖެހުނު ހިތި ތަޖުރިބާއިން ފަޒީނަށް ލިބުނީ ރަނގަޅު ފިލާވަޅެކެވެ. ނަމަވެސް އޭނާގެ ދަރީން ބޮޑެތިވި ހިސާބުން އެކުދީންގެ ހިތްމަތާއި މިންނެތް މަސައްކަތުން ފަޒީންގެ ވިޔަފާރި އިތުރަށް ފުޅާކުރިއެވެ. މިހާރު ފަޒީން އާއި އޭނާގެ ޢާއިލާ އަކީ ރީތި އެޕާޓްމަންޓެއްގައި ވަރަށް ހަމަޖެހިގެން އުފަލުގައި ދިރިއުޅެމުން އަންނަ ޢާއިލާއެކެވެ. އޭގެ ފަހުން އިކްރާމް ވެސް އަދި އަރުޝީފުގެ ހިލަމެއް ވެސް ނުވެއެވެ. ފަޒީން އޭނާގެ އަތުން ގެއްލުނު ފައިސާ އަނބުރާ ހޯދަން ފަހުން މަސައްކަތެއް ވެސް ނުކުރެއެވެ. ކޮންމެ މީހަކުވެސް ބުނީ އެ ފައިސާއެއް ދެން ނުލިބޭނެ ކަމަށެވެ. ފަޒީންއަށް އެ ފައިސާތައް ގެއްލުނު ނަމަވެސް މިއަދު އޭނާ އެކަމާއި ހިތާމައެއް ނުކުރެއެވެ. އޭނާ މިއަދު ހުރީ ދިރިއުޅުމުގައި ވަރަށް ހަމަޖެހިލައިގެންނެވެ. 

Advertisement

ކޮމެންޓް