ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކުރިއަށް ގެންދާ ފިއުޗާ ރެޑީ ސީރީޒް (އެފްއާރުއެސް) ގެ ދެވަނަ ސެޝަން ގްރޭޑް ހަތެއް އަދި އަށެއްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށް މިއަދު ބާއްވައިފިއެވެ.
މި ސެޝަނުގައި ދަރިވަރުންނަށް އެ ކުދިންގެ ޝައުގުވެރިކަމާއި ހުނަރާ މެދު ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. އޭގެ އިތުރުން، ކިޔެވުމުގެ ސްޓްރީމް ހިޔާރުކުރުމާއި ޔުނިވާސިޓީ ލެވެލްގެ ފުރުސަތުތަކާއި ކެރިއާގެ މަގުތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވެއެވެ.
ތައުލީމީ ދަތުރުގެ ކުރީ މަރުހަލާގައި ރަނގަޅު އިރުޝާދު ދީގެން ދަރިވަރުންގެ މުސްތަގުބަލާ ގުޅޭ ނިންމުންތައް ހޭލުންތެރިކަމާ އެކު ނިންމުމަށް މި ސީރީޒުން އެހީތެރިވެދެއެވެ.
އެފްއާރުއެސް ގެ ސެޝަންތައް އެމްއެންޔޫގެ އަތޮޅު ކެމްޕަސްތަކުގައި ވެސް ކުރިއަށް ގެންދެއެވެ. އެ ކެމްޕަސްތަކުގައި ހިންގާ ޕްރޮގްރާމްތައް ބައްޓަންކުރަނީ ބައިވެރިވާ ސްކޫލްތަކުން ފާހަގަކުރާ ދާއިރާތަކަށް ހާއްސަކޮށެވެ. ޔުނިވާސިޓީ މާހައުލަށް ދަރިވަރުން ގެނައުމާއި ރަށްރަށުގެ ޖަމާއަތްތަކާ ގާތުން ގުޅުން ހިންގައިގެން މަތީ ތައުލީމުގެ ތަފާތު ދާއިރާތައް ތަޖުރިބާކުރުމުގެ މަގު ހުޅުވައިދޭ ކަމަށް އެ ޔުނިވާސިޓީން ބުނެފައިވެއެވެ.
މި އިނީޝިއެޓިވް ގުޅިފައި ވަނީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ވެސް ކަމަށް އެމްއެންޔޫ އިން ފާހަގަކޮށްފައިވެއެވެ. އެ ގޮތުން، ފެންވަރު ރަނގަޅު ތައުލީމާއި ފަގީރުކަން ނައްތައިލުމާއި ރަނގަޅު ވަޒީފާގެ ފުރުސަތާއި ހަމަހަމަކަން އިތުރުކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މި ސީރީޒުން ބާރު އަޅައެވެ.
ސްކޫލްތަކާއި އާއިލާތަކާއި މަތީ ތައުލީމާ ދެމެދު ގުޅުން ބަދަހިކުރުމުގެ މަސައްކަތް އެމްއެންޔޫ އިން މި ސީރީޒް މެދުވެރިކޮށް ކުރިއަށް ގެންދެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists