ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު، 25 އަހަރަށް ޖަލަށް ލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
ގައްދޫ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް ކުރީ އެރަށު ނޫރީގެ، އަލީ ޝަޒީނު (37އ)ގެ މައްޗަށެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2021 އޮގަސްޓު 10ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 ސެޕްޓެމްބަރު 1ވަނަ ދުވަހުއެވެ.
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ.
އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. މި ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists