ކުރު ވާހަކަ: މަސްތުގެ ހާލިން…

Share on facebook
Share on twitter
Share on telegram
Share on whatsapp

އަހަރެން އަޅައިގެން ހުންނަ ޔުނީފޯމަކީ ކޮންމެ އުފުރުއެއްގެ ކޮންމެ މީހަކު ވެސް އެހީތެރިކަމަށް އެދިއްޖެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅައިގެން ހުންނަ ޔުނީފޯމެކެވެ. އެއީ ޤާނޫނުތައް ނަގަހައްޓައި ޤައުމުގެ އަމާން ކަމާއި ސުލްޙައަށް އަޅާ ޔުނީފޯމެކެވެ. ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރާތާ ފަނަރަ އަހަރު ފާއިތުވެގެން ދިޔައިރު، އެތައް ކަމެއް އެތައް މައްސަލަތަކެއް ބެލިއްޖެއެވެ. އަހަރެން ފުލުހުންގެ އިދާރާގައި މަސައްކަތްކުރާތާ އަށް އަހަރު ފަހުން އެތަނުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ބަދަލުކުރިއެވެ. އެކަމަށްޓަކައި ފުރިހަމަކުރަންޖެހޭ ހުރިހާ ތަމްރީނެއް ލިބުނު ފަހުންނެވެ. އެތަނުގައި ހޭދަވާ ކޮންމެ ދުވަހެއް ވެގެން ދަނީ މަސްތުވާތަކެތީގެ އެތައް މައްސަލައެއް ލިބޭ ދުވަހަކަށެވެ. ނަމަވެސް އަހަރެންގެ ފުރާނައާއި، ލޯބިވާ އަންހެނުންނާއި އަދި ދަރިފުޅުގެ ފުރާނައަށް ނުރައްކާވާފަދަ ކޭސްއަކާއި ދިމާވެދާނެ ކަމަކަށް ގަބޫލުއް ނުކުރެވުނެވެ. އެކަމަކު އަހަރެން ހިތްވަރު އެލުވައިނުލާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކިތަންމެހާ ވެސް ފޮންޏެވެ.

ރާއްޖޭގައި މަސްތުވާތެކީގެ ވަބާގައި ޖެހިފައިވާ މީހުން މަދެއް ނޫނެވެ. އޭގެ ބޭނުންކުރާ މީހުންނާއި އޭގެން ވިޔަފާރިކޮށްގެން އާމްދަނީ ހޯދާމީހުންގެ ބޮޑު ހާއްޔަކަށް ރާއްޖެ ވަނީ ވެފައެވެ. މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެތައް އެއްޗެއް ފެނެއެވެ. އެކަމާއި ގުޅުން ހުންނަ މީހުން ހައްޔަރުވެސް ކުރެއެވެ. ދެން ފެންނަނީ ހައްޔަރުކުރި މީހާ ދޫވެފައި ހުންނަ ތަނެވެ. މިއީ އާންމުކަމެކެވެ. އެދުވަހަކީ އެހެން ދުވަސްތަކެކޭ އެއްފަދައިން ގެއެއްގެ ތެރެއިން މަސްތުވާތަކެތި ފެނިގެން އެތަނުގައި އަހަރެންނާއި، އަހަރެންގެ ޓީމު ހަރަކާތްތެރިވަމުން ދިޔަ ވަގުތެވެ. އެ ގޭގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓާ އަހަރެންގެ ފޯނަށް ފޯނެއް އައެވެ. ލިބުނު ފޯނު ކޯލާއެކު، އިމަޖެންސީކޮށް އޮފީހަށް ދާންޖެހިއްޖެ ކަމަށް ބުނެ ޓީމުގެ އެހެން މެންބަރަކާއެކު އަހަރެން އޮފީހާއި ދިމާލަށް މިސްރާބު ޖެހީމެވެ.

"މިއީ ކުރިން ފަހަރުވެސް ހެކި ނެތިގެން ދޫވި މީހުން. މި މީހުން މިއީ ބޮޑު ނެޓްވޯކެއްގެ ތެރެއިން މަސައްކަތްކުރާ ބައެއް. މިފަހަރު ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްގެން ވެސް މި މީހުން ހައްޔަރުކޮށް ފުރިހަމަ ތަޙުޤީޤެއް ހިންގަން އެބަ ޖެހޭ. އެއްވެސް ސުވާލެއް؟" ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން ބޭއްވި ކުއްލި ބްރީފިން ނިންމާލަމުން އަހަރެން އެހީމެވެ. އެއްވެސް މީހެއްގެ ސުވާލެއް ނެތުމާއެކު، އަހަރެމެން އަވަސްވެގަތީ މަސައްކަތާއިގެން ކުރިއަށް ދިއުމަށެވެ. "އަބަދު މި ޖެހެނީ ކޮންމެވެސް ބޮޑެއްގެ ދަރިއަކާ ހިފަން. އަނެއްކާ މި މީހުން ބަންދުކުރަންވެސް އެހާ އުނދަގޫ!" ބްރީފިން ނިމިގެން ނިކުންނަމުން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޒާން ބުންޏެވެ. "އާނއެކޭ!.. އެމީހުންނަށް ސިޔާސީ ވެވުނީމަ ނިމުނީ. މަށަށް ޔަގީން މިފަހަރު ވެސް ކޮމިޝަނަރު މި މައްސަލަ ހިންދާލަން މަސައްކަތްކުރާނެ ކަން. އެކަމަކު މި ފަހަރު އޮންނާނީ ދޭތިން އެކަތި." އަހަރެން އަތުގެ މުށްބާރުކޮށްލަމުން ބުނީމެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ބޯޑަރ ލައިނު ކައިރިން ދޯނި ފަހަރުތަކުގައި މަސްތުވާތަކެތި އެތެރެކުރުމަކީ އާ ކަމެއް ނޫނެވެ. ސަތޭކަ ކިލޯގެ ހެރޮއިންނާއި، ސޯޅަ ކިލޯގެ މެތް އާއި، ފަނަރަ ކިލޯގެ ހަޝިޝް އޮއިލްގެ އިތުރުން ފަސް ކިލޯގެ ގަންޖާ ހިފައިގެން ދޯނި ދަތުރުކުރަމުން ދިޔައީ ހުޅުމާލެ ފަޅާއި ދިމާލަށެވެ. ގާދޫކޮލުން ހުޅުމާލެ ފަޅާއި ހަމައަށް އޭތި ދަތުރުކުރަމުން ދިޔައިރު، އަހަރެން އެވަގުތު އިނީ ހެޑް އޮފީސްތެރޭގައި އަހަރެންގެ ޓީމާއި އެކުގައެވެ. އެއްބަޔަކު އެ ދޯނި ޓްރެކް ކުރަމުންދާއިރު ޓީމުގެ އަނެއް ބައި ތިބީ ހުޅުމާލޭ ފަޅުތެރޭގައެވެ. ޖެހިގެން އައި ދުވަހު ރަނގަޅަށް އިރު ނާރަނީސް އެ ދޯނި ހުޅުމާލޭ ފަޅަށް ވަންނަން އަންނަތަން ފެނުނެވެ. އޭރު އަހަރެންނާއި ޒާން ވެސް ތިބީ ސީންގައެވެ. ދޯނި ހުޅުމާލެ ފަޅަށްވަދެ ދުވެލި މަޑުކޮށްލާ، އިންޖީނު ނިއްވާލިއެވެ.

އިންޖީނު ނިއްވާލައި ދޯނި ތެރެއިން މީހުންގެ ހިލަމެއްވާން ފެށުމާއެކު، އަހަރެމެން ލޯންޗުތަކުގައި ސައިރިން އަޅަމުން އެ ދޯންޏާއި ގާތްކުރީމެވެ. އޭގައި ފަސް ދިވެހިން ތިއްބެވެ. ޓީމު ދޯންޏާއި ގާތްކޮށް، އެމީހުންގެ އަތުގައި ބިޑި އަޅުވައި މުޅި ދޯނި ޗެކުކުރީމެވެ. އޭގައި މަޢުލޫމާތު ލިބިފައިވާ ގޮތަށް ހުރިހާ ތަކެއްޗެއް ފެންނަން ހުއްޓެވެ. ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެންމެން ހައްޔަރުކުރެވުނެވެ. އަހަރެން އެދުވަހު ޑިއުޓީ ނިމިގެން ގެއަށްދާން ނިކުތްވަގުތު އޮފީސްތެރޭގައި ކުއްލިއަކަށް އަޑުގަދަވިއެވެ. ތިރިއަށް ފައިބާ ބަލާލިއިރު، ތިރީގައި ހައިދަރު ހުއްޓެވެ. ހައިދަރަކީ މި ހިފެހެއްޓުނު ތަކެތީގެ މައިތަނބު ކަމުގައި އަހަރެންނަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ނަމަވެސް އޭނާ ހައްޔަރުކުރެވޭނެ ގޮތެއް ނެތެވެ. ހައިދަރާއެކު އަހަރެން މައްޗަށް އަރައި އޭނާ ގޮވައިގެން މީޓިން ރޫމަށް ވަނީމެވެ.

"އަހަރެން މި އަހަނީ ކާކުހޭ ބުނީ އެ ދޯނި ހިފަހައްޓަން. މަމީ ކާކުކަން ނޭނގޭ މީހެއް ނުހުންނާނެ މިތާކު ވެސް ކޯޓަކުވެސް. މަގޭ ބައްޕަ އަކީ ކާކުކަން ވެސް އެނގޭނެ. ދެން؟" ހައިދަރު ވާހަކަދައްކަމުން ދިޔައިރު އޭނާ ރުޅިއައިސްގެން ތުރުތުރު އަޅައެވެ. "ބައްލަވާ އަޅުގަނޑުމެން ކުރާނީ ތަޙުޤީޤު. މި މުއައްސަސާއިން ކިތަންމެ މަތީ ފަންތީގެ މީހަކަށް ވިއަސް ތަޙުޤީޤުކުރާނެ. ކުރެވޭނެ." އަހަރެން ވާހަކަދެއްކީ ކަން އޮތްގޮތަށެވެ. "ކަލޭ ތީ އެހަކަށް ދުވަހު އަދި މި ޑިޕާޓްމަންޓާއި ހަވާލުވި މީހެއް. އެކަމަކު ކުރިން ފަހަރުވެސް ކަލޭގެ އުނދަގޫ ޖެހުނު. މިފަހަރުވެސް ކަލޭ. ވިސްނައިގެން އުޅެއްޗޭ." ހައިދަރުގެ އެ ބަސްތަކަށް ރައްދުނުދީ އަހަރެން މަޑުން އިނީމެވެ. އަދި އޭނާ އެތަނުން ނުކުތުމާއެކު އަހަރެން ގެއަށް ދިޔައީމެވެ.

އޭރު އަހަރެންގެ އަންހެނުން ސޯފިޔާ އިނީ ތިން އަހަރުގެ ދަރިފުޅަށް ކާންދޭށެވެ. އަހަރެން ގެއަށް ދިޔައީ ތިން ދުވަސް ފަހުން ކަމަށްވުމާއެކު، ކުޑަކުޑަ ޝަޒާ އަހަރެން ފެނުމާއެކު ދުވެފައި އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. ދަރިފުޅާއި ލޯބިކޮށްލުމަށްފަހުގައި އަހަރެން ކޮޓަރިއަށް ވަނީ ފްރެޝްވެލުމަށެވެ. އެރޭ އަހަރެން ސޯފިޔާއަށް ވެގެން އުޅޭ ގޮތް ކިޔައިދިނީމެވެ. ހައިދަރަކީ ގޭންގުތަކާއި ގުޅުން އޮތް މީހަކަށް ވެފައި، އަދި އެއީ ޑިފެންސް މިނިސްޓަރުގެ ހަގު ދަރިއަށް ވުމަކީ ކުޑަކަމެއް ނޫން ކަމުގައި އަހަރެން ބުނީމެވެ. ކޭސްގެ ބޮޑު މިނަށް ބަލާފައި، ސޯފިޔާ އާއި ދަރިފުޅުގެ ރައްކާތެރިކަމާއިމެދު ފިކުރުކުރެވޭ ވާހަކަ އޭނާ ގާތު ބުނީމެވެ. ނަމަވެސް ސޯފިޔާ އެދުނީ އަހަރެންގެ ވާޖިބު އަދާކުރުމުގައި ސާބިތުކަމާއެކު ކުރިއަށް ދިއުމަށެވެ.

ކޮންމެއަކަސް މި މަސްތުވާތަކެތި އަތުލައިގެން ހިސާބުން، އެންމެން ވެސް ދައްކަނީ މީގެ ވާހަކައެވެ. ބޮޑު ނެޓުވޯކުގެ ވެރިން ހައްޔަރުކުރުމަށް ގޮވާ މީހުން މަދެއް ނޫނެވެ. އަހަރެން ނުފޮރުޅާ އެންމެ ގަލެއްވެސް ނުބާއްވަމެވެ. ހައްޔަރުކޮށްފައި ތިބި މީހުންގެ ފަރާތުން ހައިދަރާއި ދެކޮޅަށް ހެކިބަސް ލިބި، އިތުރު ހެކިތައް ފެނުމާއެކު އަހަރެން މިކަން ކޮމިޝަނަރާއި ހިއްސާކުރުމަށް ރިޕޯޓު އެކުލަވާލީމެވެ. އޭރު އަހަރެންނަށް މަރުގެ އިންޒާރު ނާންނަ ދުވަހެއް ނުދެއެވެ. އެ މައްސަލަވެސް ދިޔައީ ބަލަމުންނެވެ. ނަމަވެސް ސީދާ އިންޒާރު ދެމުން އައީ ހައިދަރުކަން ބުނެވޭނެ އެއްވެސް ހެއްކެއް ނެތުމާއެކު އޭނާ ހައްޔަރުކުރެވޭނެ އެއްވެސް އަލިމަގެއް ނުފެނުނެވެ. އަހަރެން އިންޒާރުތަކަށް ނުބަލައި ކުރިއަށް ދާން ފެށުމާއެކު ގެއަށް ޕާރުސަލްތައް އަންނަން ފެށިއެވެ. ކޮންމެ އެއްޗެއްގައި ވެސް ހުންނަނީ ފައިސާއެވެ.

މިވެސް ކިޔާލާ:

ސޯފިޔާގެ ފޯނަށް ވެސް ނުދަންނަ ނަންބަރު ތަކުން އެކި ފާޑުގެ މެސެޖު އަންނަނީއެވެ. މިކަމުގެ ސަބަބުން އޭނާ ހުންނަނީ ގެއިން ބޭރަށް ފިޔަވަޅެއްވެސް އަޅަން ނުކެރިފައެވެ. ދަރިފުޅު ސްކޫލަށް ގެންދަނީ ވެސް އެ ބިރުވެރިކަން މަތީ ހުރެގެންނެވެ. ކަންކަން މިހާ ހިސާބަށް ދިޔުމާއެކު، އަހަރެން ރިޕޯޓު ނިންމާފައި ކޮމިޝަނަރަށް ރިޕޯޓު ހަވާލުކުރަން ދިޔަ ދުވަހު، އަހަރެންގެ ޢާލާ ތަހައްމަލް ކުރަން ޖެހިފައިވާ ދަތި އުނދަގޫތަކުގެ ވާހަކަ ހިއްސާކުރީމެވެ. "އަހަރެންނަށް އަންނަ ޕްރެޝާރ ވަކި ކުޑައެއް ނޫން. ތި މައްސަލަ އެހެން ނޫނަސް ކޯޓާއި ހަމައިން ބޭރުކުރާނެ. އެކަމަކު ހައިދަރު ބައްޕަގެ ބަހެއް އަދި ނުލިބެ." ހުދު ކޮމިޝަނަރުވެސް އިނީ ގޮތްހުސްވެފައެވެ. އަހަރެން ގާތު ކޮމިޝަނަރު އެދުނީ ދުވަސްކޮޅަކަށް ޗުއްޓީ ނަގައިގެން ބޭރަށް ފުރުމަށެވެ. ނަމަވެސް އަހަރެން އެކަމަށް ދެކޮޅު ހެދީމެވެ. އަދި އެ ރިޕޯޓު، ކޮމިޝަނަރުގެ މޭޒުމަތީގައި ބާއްވާފައި އެތަނުން ނުކުތީމެވެ.

އަހަރެންގެ ހަޔާތުގައި ވެސް މިހާ ޕްރެޝަރ ބޮޑު މައްސަލައެއްގައި މަސައްކަތެއް ނުކުރަމެވެ. ޤާނޫނަކީ ވަކި ބަޔަކަށް ހިނގާ އެއްޗެއްކަން އެދުވަހު އަހަރެންނަށް އިހުސާސްވިއެވެ. މިކަމުގައި އަހަރެން ދެން ބޭނުންކުރީ ދައުލަތުގެ ހަތަރުވަނަ ބާރެވެ. އަހަރެންނަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ވާހަކަ މީޑިއާގައި އުޅޭ އަހަރެންގެ ވަރަށް ގާތް އެކުވެރިއަކާއި ހިއްސާކުރީމެވެ. އަދި އޭނާއަށް ލިބިފައިވާ މަޢުލޫމާތަކަށް ބަލައި ޚަބަރު ތައްޔާރުކުރުމަށް އެދުނީމެވެ. އިސާހިތަކު ދުމެއް ޖަހާފައި މި ވާހަކަ ވައިގައި ހިފިއެވެ. އަދި ހައިދަރުގެ ވާހަކަ ވެސް ޚަބަރުތަކުގައި ފެންމަތިވިއެވެ. މުޅި ސޯޝަލް މީޑިއާ ހީވީ ކެކި އުތުރު އަރައިގަތް ހެނެވެ. ނޫސްވެރިންގެ ސުވާލުތަކާއި ހެދި ކޮމިޝަނަރަށް ކެތްނުވާ ހިސާބަށް ދިޔައެވެ. އޭރު އަހަރެން ސޯފިޔާއާއި، ޝަޒާ އޭނާގެ މަންމައާއި އެކު ރާއްޖެއިން ބޭރަށް ފުރުވާލައިލީމެވެ. އާންމުންނާއި، މީޑިއާ އާއި، އަދި ބައެއް ސިޔާސީ ވެރިންގެ ޕްރެޝަރާއިއެކު، ކޮމިޝަނަރަށް ޖެހުނީ އެ މައްސަލަ ކުރިއަށް ގެންދާށެވެ. އެ މައްސަލަ ކޯޓަށް ވެއްދި ދުވަހަކީ އަހަރެންނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ދުވަހެވެ.

އަހަރެންނަށް ހަމަލާދިން މީހުން އަހަރެންގެ ގައިގެ ދެ ތަނަކަށް ވަޅި ހަރައި ވަރަށް ބޮޑަށް އަނިޔާ ކުރިއެވެ. އެރޭ ދަންވަރު އަހަރެން ސަލާމަތްވީ، ފޯނުގައި އެދުވަސްވަރު އަހަރެން ހަރުކޮށްގެން ގެންގުޅުނު ޓްރެކިން ޑިވައިސްއެއްގެ ސަބަބުން ޒާން އާއި އަހަރެންނާއި އެކުގައި މަސައްކަތްކުރާ މައިމޫންގެ ސަބަބުންނެވެ. އަހަރެން އެދުވަސްވަރު އުޅުނީ އެމީހުންނަށް އަހަރެން ޓްރެކް ކުރެވޭނެ ގޮތަށެވެ. ސޯފިޔާއަށް މި ޚަބަރު ލިބުމާއެކު އޭނާ ރާއްޖެ އަންނަން ރުޔެވެ. ނަމަވެސް އަހަރެންގެ ލޯބިވާ އަންހެނުންނާއި ދަރިފުޅު ނުރައްކަލެއްގެ ތެރެއަށް ވައްޓާލުމަކީ އަހަރެން ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ. އަހަރެންނަށް ލިބިފައި ހުރި ޒަޚަމްތަކަށް ފަރުވާކުރުމަށް ހޮސްޕިޓަލުގައި ދެ ހަފުތާވަންދެން އޮންނަން ޖެހުނެވެ. އޭރު އެ މައްސަލަ ކޯޓުގައި ކުރިއަށްދަނީއެވެ. އޭރު ހައިދަރު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަހަރެންނަށް ހަމަލާދިން މައްސަލައިގެ ތުހުމަތު ވެސް ކުރެވުނީ ހައިދަރަށެވެ.

ކޯޓުން އޭނާގެ މައްޗަށް ތިން ދަޢުވާއެއް ކުރިއެވެ. ގަސްތުގައި މީހަކު މެރުމަށް މަސައްކަތްކުރުމުގެ ދަޢުވާއާއި، މަސްތުވާތަކެތި ބޭނުން ކުރުމުގެ ދަޢުވާއާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދަޢުވާއެވެ. މި ތިން ދަޢުވާއަށް ވެސް ހައިދަރު އިންކާރުކުރިއެވެ. ނަމަވެސް އެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ވަގުތު ހައްޔަރުކުރި އެންމެން އެކަމަށް އެއްބަސްވިއެވެ. ވުމާއެކު ހައިދަރަށް ސަލާމަތްވެވޭނެ އިތުރުގޮތެއް ނުވިއެވެ. އަނެއްކޮޅުން މީޑިއާއިން ހައިދަރާއި ދެކޮޅަށް ދިޔައީ އެތައް ރިޕޯޓެއް ލިޔެ ނެރެމުންނެވެ. ކާމިޔާބަކީ މަސައްކަތްތެރިންގެ ޙައްޤެކެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން، އަމިއްލަ މީހާ ނުރައްކަލުގެ ތެރެއަށް ހުށައެޅިގެން ކުރި މަސައްކަތުގައި ހެއްދެވި ފަރާތުން ބަރަކާތްލެއްވިއެވެ.

ހައިދަރަށް ފަނަރަ އަހަރުގެ ޖަލު ޙުކުމެއް އައެވެ. އަދި އެކަމުގައި ބައިވެރިވި އެހެން މީހުންނަށް ދިހަ އަހަރުގެ ޖަލު ޙުކުމެއް އައެވެ. މިއީ މި ފަހުގެ ތާރީޚެއްގައި މަސްތުވާތަކެތީގެ މައްސަލައަކަށް މިވަރު ބޮޑު ޙުކުމެއް ކުރި ފުރަތަމަ ފަހަރެވެ. ހައިދަރުގެ ޙުކުމް ތަންފީޒުކުރުމަށް އެންމެ ބޮޑު ބާރެއް ދިނީ ހުދު ހައިދަރުގެ ބައްޕައެވެ. މިނިސްޓަރެއްގެ މަޤާމުގައި މިއަދު އެ ބައްޕަ ހުރި ނަމަވެސް، އޭނާ ބޭނުންވީ ދަރިފުޅު ރަނގަޅުވެގެން އަލުން އަނބުރާ މުޖުތަމަޢުއަށް ނިކުންނާށެވެ. އަހަރެންގެ ކެރުންތެރިކަމާއި، ކުޅަދާނަ ކަމަށް މުޅި މުއައްސަސާ ތަޢުރީފު ކުރިއެވެ. އެތައް ފިއްތުންތަކާއެކު ނަމަވެސް އަހަރެންގެ މަސައްކަތް ކާމިޔާބުވީ ކޮމިޝަނަރ ވެސް އަހަރެންނަށް ފަހުން ދިން ހިތްވަރުގެ ސަބަބުންނެވެ. މިއަދު މަސްތުގެ ހާލިން ބޮޑު ހާއްޔެއް ފަޅާލައި، ބޮޑު ނެޓުވޯކެއްގެ އިސްވެރިއަކު ޖަލުގެ ތޭރިތަކުގެ ފަހަތުގައި ޤައިދުކުރެވުނަސް، އަދިވެސް މީގެ އެތައް ހާލިތަކެއް މިތަނުގައި އޮތްކަން އަހަރެން ގަބޫލުކުރަމެވެ. އަހަރެންނަށް މި ކޭސްއިން ވިސްނުނު ކަމަކީ، މަތީ މަޤާމުތައް ފުރަން ތިބޭ ވެރިން ގުޅިގެން މަސައްކަތްކޮށްފިނަމަ ހައިދަރު ކަހަލަ ކިތަންމެ މީހަކު ޖަލުގައި ބަންދުކުރެވޭނެ ކަމެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. ކޭސް ނިމުމާއެކު އަހަރެން، ސޯފިޔާއާއި ޝަޒާ ރާއްޖެއަށް ގެނައީމެވެ. އަހަރެން ހޮސްޕިޓަލުން ދޫކޮށްލުމާއެކު އަނެއްކާވެސް ޤައުމީ ވާޖިބު އަދާކުރުމަށް ރުޖޫޢަވީމެވެ. އަނެއްކާވެސް މަސްތުގެ ހާއްޔެއް ބަންދުކުރުމަށެވެ. 

0%0%0%

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިރާއްޖޭގައި ދައުވާކުރަނީ ކޯޓުތަކަކުން ނޫން ވާހަކަޔަކަސް ރަގަޅު މައުލޫމާތު ހިމަނާ!

ހިޔާލު ދެއްވާ!

Your email address will not be published.