މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯލަ މުބާރާތުގައި ދިވެހިރާއްޖެ އިންޑިއާ ހިމެނޭ ގްރޫއްޮްގައި ލައްވާލައިފިއެވެ.
މުބާރާތުގެ ގުރުއަތުނެގުން މިއަދު ބާއްވާފައިވަނީ ބޫޓާންގެ ވެރިރަށް ތިމްޕޫގައި ކުރިއަށްދިޔަ ސާފް ކޮންގްރެސް ބައްދަލުވުމުގެ ތެރެއިންނެވެ. ގުރުއަތު ނަގައި ނިމުނުއިރު ރާއްޖެ ހިމެނޭ ގްރޫޕް ބީގައި ހިމެނެނީ އިންޑިއާގެ އިތުރުން ޕާކިސްތާނެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ. މުބާރާތުގެ ގުރުއަތުނެގުން މިއަދު ބޭއްވިއިރު، އަދިވެސް މުބާރާތުގައި ނޭޕާލް ވާދަކުރާނޭކަމޖުގެ ޔަގީންކަމެއް ނެތެވެ. ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަން ފީފާއިން ސަސްޕެންޑް ކޮށްފައިވާއިރު، އެ ޤައުމަށް މުބާރާތުގައި ބައިވެރިވެވެން އަންނަނީ ސަސްޕެންޝަން އުވާލައިގެންނެވެ.
މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ބަންގްލަދޭސްގެ އިތުރުން ސްރީލަންކާ އަދި ބޫޓާނެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އިންޑިއާއެވެ. މުބާރާތުގެ ތަށި އިންޑިއާއިން ނުވަ ފަހަރު ގެންގޮސްފައިވާއިރު، ރާއްޖެއިން ވަނީ މި މުބާރާތް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް މިހާތަނަށް ބަލިކުރަން އެންމެ އުނދަގޫ ޓީމުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އިންޑިއާއެވެ. އޭގެ އިތުރުން ޕާކިސްތާނަކީވެސް ބަލިކުރަން އުނދަގޫ ޓީމެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists