އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މެކްލެމޯ ސްޓޭޖު މަތީގައި ފަލަސްޠީނާ އެއްކޮޅަށް ވާހަކަ ދެއްކުމުން އެޑް ޝީރަންގެ އެމެރިކާ ޓުއާގެ ފެށުމުގެ ޝޯތަކުން އޭނާ ވަކިކޮށްފިއެވެ.
ބެންޖަމިން ހެގަޓީގެ ނަމުގައި އުފަންވި މެކްލެމޯ ވަނީ ޝީރަންގެ ލޫޕް ޓުއާގެ ދެ ކޮންސެޓެއްގައި "ފްރީ ފަލަސްޠީނު" އޭ ބުނެ ސިޔާސީ ވާހަކަ ދައްކައިފައެވެ. ޔަހޫދީ ޖަމާޢަތްތަކުން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔުމާ ގުޅިގެން ޝީރަންގެ ޓީމުން އޭނާ ޓުއާއިން ވަކިކުރީއެވެ. ހޯމަ ދުވަހު މެކްލެމޯ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓުއާއިން ވަކިކޮށްފައިވާ ކަމަށާއި ޙަޤީޤީ އަނިޔާ ލިބެމުންދާ ބަޔަކީ ޣައްޒާގެ ފަލަސްޠީނު ރައްޔިތުން ކަމަށެވެ. ޝީރަން މިކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. ޓުއާގެ ބާކީ ޝޯތަކުގައި މެކްލެމޯގެ ބަދަލުގައި ޕާފޯމް ކުރާނެ ފަންނާނެއް އަދި ހާމައެއް ނުކުރެއެވެ.
މި މައްސަލަ ފެށުނީ ސެޕްޓެމްބަރު ހަތަރެއްގައި ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ބޭއްވި ކޮންސެޓުގައި މެކްލެމޯ ބެލުންތެރީންނާ މުޚާތަބުކޮށް ވާހަކަ ދެއްކުމުންނެވެ. އޭނާ ބުނީ މި ޓުއާގައި ބައިވެރިވާން ބޭނުންވި އެންމެ ބޮޑު ސަބަބަކީ މިފަދަ ސްޓޭޑިއަމެއްގައި ތެދުވެ "ފްރީ ފަލަސްޠީނު" އޭ ބުނުން ކަމަށެވެ. އެއަށް ފަހު ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރާ ހިންދްސް ހޯލް ލަވަ ކިޔައި ޣައްޒާގެ ހަލާކުގެ ވީޑިއޯ ބޮޑު ސްކްރީނުގައި ދެއްކިއެވެ. ޖެހިގެން އައި ރޭ ހަމަ އެ ސްޓޭޖުގައި މެކްލެމޯ ބެލުންތެރީންގެ ތެރޭގައި ތިބި ޔަހޫދީންނާ ސީދާ މުޚާތަބުކޮށް "އިސްރާއީލަށް ފާޑު ކިޔުމާއި އެޕާޓެއިޑާ ދެކޮޅުހެދުމާއި ގަތުލުޢާންމާ ދެކޮޅުވުމަކީ ކަލޭމެންނަށް ފާޑު ކިޔުމެއް ނޫން" ކަމަށް ބުންޏެވެ.
ސްޓޮޕް އެންޓިސެމިޓިޒަމް ޖަމާޢަތުން ބުނީ "ޔަހޫދީ ފޭނުން ޓިކެޓް ގަތީ އެޑް ޝީރަންގެ ލަވަ އަޑުއަހަން ކަމަށާއި މެކްލެމޯގެ އެންޓި-އިސްރާއީލް ޕްރޮޕެގެންޑާ ފެންނަން ނޫން" ކަމަށެވެ. ހަމައެހެންމެ އިސްރާއީލް-އެމެރިކަން ކައުންސިލުން ޕެޓިޝަނެއް ހުށައަޅައި ޝީރަންގެ ކިބައިން މެކްލެމޯ ޓުއާއިން ބޭރުކުރުމަށް ގޮވާލިއެވެ. ޓުއާ ޕްރޮމޯޓަރު މެސީނާ ޓުއަރިން ގްރޫޕުން ރޯލިން ސްޓޯން މެގަޒިނަށް ބުނެފައިވާ ގޮތުގައި ޝޯ ބާއްވާ ވެނިއުތަކުން ވަނީ މެކްލެމޯ ޕާފޯމް ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އަންގައިފައެވެ. ގިލެޓް ސްޓޭޑިއަމްގެ ވެރިޔާ ރޮބާޓް ކްރާފްޓް ބުނީ "ނަފުރަތުގެ ވާހަކައަށް ޕްލެޓްފޯމެއް" ނުދޭނެ ކަމަށެވެ.
މެކްލެމޯ އިންސްޓެގްރާމްގައި ޝާއިޢުކުރި ގާތްގަނޑަކަށް 1,000 ލަފުޒުގެ ބަޔާނުގައި ބުނީ ޝީރަންއާ އެކު ހަފުތާއެއްގެ "ދަތި މަޝްވަރާތައް" ކުރެވުނު ކަމަށާއި ނަމަވެސް ޚިޔާލު ތަފާތުވެ ނިމުނީ ކަމަށެވެ. "ކޮޅެއް ނެގުމުގެ އަގެއް އޮވެއެވެ. ފައިސާ ބްރޭންޑް ޑީލް ސްޕޮންސާޝިޕް ފެސްޓިވަލް ޝޯ ގުޅުންތައް — މި ހުރިހާ އެއްޗެއް ވެސް ގެއްލިއްޖެ. އެކަމަކު އަނިޔާކުރާ ފަރާތާއި އަނިޔާ ލިބޭ ފަރާތާ ދެމެދު ނިއުޓްރަލް ޕޮޒިޝަނެއް ނޯންނާނެ" ކަމަށް މެކްލެމޯ ލިޔެފައިވެއެވެ. އެންޓިސެމިޓިޒަމުގެ ތުހުމަތާ ގުޅޭ ގޮތުން ބުނީ "ހިމޭންކުރުމުގެ އެންމެ ކާމިޔާބު އެއް ހަތިޔާރަކީ އެންޓިސެމިޓިޒަމުގެ ތުހުމަތު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން" ކަމަށެވެ. ޓުއާގައި ދެ ޝޯ ކުޅެވުނު ނަމަވެސް އޭނާގެ ބަސްތަކުގެ ސަބަބުން ފަލަސްޠީނާ ބެހޭ ބަހުސް އަލުން ފެށިއްޖެ ނަމަ "މިއީ ކެރިއަރުގައި ކުރެވުނު އެންމެ ކާމިޔާބު ޓުއާ" ކަމަށް ވެސް މެކްލެމޯ ބުންޏެވެ.
މި ކޯޅުމުގެ ތެރެއަށް ޔަހޫދީ ދީނުގެ ލަވަކިޔުންތެރިޔާ ޕިންކް ވެސް ވަނީ ވަދެފައެވެ. މެކްލެމޯއަށް ފާޑު ކިޔާ ޕޯސްޓެއް ޝެއާ ކުރުމުން ޕިންކަށް ވެސް ވަރަށް ބޮޑެތި ފާޑު ކިޔުން އަމާޒުވިއެވެ. ޕިންކް ނެރުނު ދިގު ބަޔާނެއްގައި ބުނީ "މެކްލެމޯ ސްޓޭޑިއަމެއް ފުރައި ތިބި ޢާއިލާތައް ކުރިމަތީ ހަނގުރާމައިގެ ހިތް ފަޅައިގެންދާ ފަދަ މަންޒަރުތައް ސްކްރީނުގައި ދައްކައި ސްޓޭޑިއަމުގައި ތިބި ހުރިހާ ޔަހޫދީންނާ ދިމާލަށް މިއީ ކަލޭމެންނާ ބެހޭ ކަމެއް ނޫނޭ ބުނި" ކަމަށެވެ. "އެކަން އަހަރެމެންގެ ފަރާތުން ނިންމުމުގެ ބާރެއް ކަލެއަކަށް ނެތް" ކަމަށް ވެސް ޕިންކް ލިޔެފައިވެއެވެ.
އިސްތިޢުމާރީ އިސްރާއީލުން ގަތުލުޢާންމުގެ ތުހުމަތު ދޮގުކޮށް ބުނަނީ ޣައްޒާއާއި ހުޅަނގު އައްސޭރިފަށުގައި ހިންގަނީ ބައިނަލްއަޤުވާމީ ޤާނޫނާ އެއްގޮތް ދިފާޢީ ޢަސްކަރީ ޙަރަކާތްތައް ކަމަށެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު ހަތެއްގައި ޙަމާސް އިސްވެ ދެކުނު އިސްރާއީލަށް ދިން ހަމަލާގައި ގާތްގަނޑަކަށް 1,200 މީހުން މަރުވެ 251 މީހުން ރަހީނުކުރި ހާދިސާއާ ގުޅިގެން ފެށި ޢަސްކަރީ ކެމްޕެއިނުގައި ޣައްޒާއިން 73,780 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އދ. އިން ޤަބޫލުކުރާ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists