އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ފުޅާކުރުމަށް ވޯލްޑް ބޭންކްގެ ނައިބު ރައީސް ޔޯހަނެސް ޒުޓް އާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.
މުލިއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ސަރުކާރުން އިސްކަންދެއްވާ ތަރައްޤީގެ ދާއިރާތައް ކަމުގައިވާ ޑިޖިޓަލައިޒޭޝަނާއި ހަކަތައިގެ ދާއިރާ ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ވޯލްޑް ބޭންކާ އެކު އޮތް ގުޅުން ދެމެހެއްޓެވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ބައްދަލުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވީ އިޢާދަކުރެވޭ ހަކަތައިގެ ވަސީލަތްތައް ފުޅާކުރުމަށެވެ. ބޭރުން އެތެރެކުރާ ތެލަށް ރާއްޖެ ބަރޯސާވާ މިންވަރު ކުޑަކޮށް ތެޔޮ ގަތުމަށް ކުރާ ހޭދަ ލުއިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަތް ފޯރާ ބެލެހެއްޓޭ ދެމެހެއްޓެނިވި ހަކަތައިގެ ޙައްލުތައް ހޯދުމުގެ ބޭނުންތެރިކަމާއި އެ ދާއިރާއިން އިތުރަށް ގުޅިގެން މަސައްކަތް ކުރެވޭނެ ފުރުޞަތުތައް ފާހަގަކުރެއްވިއެވެ.
ޞިއްޙީ ދާއިރާއިން ލިބެން ހުރި އެހީތެރިކަމާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމާ އެކު ތަރައްޤީގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއެރުވުމުގައި އަމިއްލަ ވިޔަފާރި ދާއިރާގެ ދައުރުގެ މުހިންމުކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ޒުޓް ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކުން ވޯލްޑް ބޭންކު ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އިޢާދަކުރެވޭ ހަކަތައިގެ ސަބަބުން ބޭރު ތެލަށް ބަރޯސާވުން ކުޑަކުރެވި އެކަމާ ގުޅިފައިވާ ނާޒުކު ހާލަތްތައް ކުޑަކުރެވިދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists