ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުގައި ޕާކިސްތާނު ކަނޑުގެ ސިފައިންގެ އުޅަނދެއް އިންޑިއާގެ މަނަވަރެއްގައި ޖެހި ހިނގި ހާދިސާއާ ގުޅިގެން ނިއުދެއްލީގައި ހުންނަ ޕާކިސްތާނުގެ އެންމެ އިސް ޑިޕްލޮމެޓް ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށްފިއެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނީ ޕާކިސްތާނުގެ ސަފީރު ބުދަ ދުވަހު، އެ ވުޒާރާއަށް ހާޒިރުކޮށްފައިވާކަމަށެވެ.
ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ ޢަމަލު ސިފަކޮށް އިންޑިއާއިން ބުނީ އެއީ ބަލައިގަނެވެން ނެތް ޕްރޮފެޝަނަލް ނޫން ޢަމަލެއް ކަމަށެވެ. އެ ވުޒާރާއިން ބުނީ ޕާކިސްތާނުގެ މަނަވަރުގެ ޢަމަލު ބިނާވެފައި އޮތީ 1991 ވަނަ އަހަރުގެ އެޕްރީލް މަހު ދެ ޤައުމުގެ ދެމެދުގައި ސޮއިކުރި އަސްކަރީ ފަރިތަކުރުންތަކާއި ސިފައިންގެ ހަރަކާތްތަކާ ބެހޭ ކުރީބައިގައި އެންގުމުގެ އެއްބަސްވުމުގެ 10 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ނިއުކްލިއާ ހަތިޔާރު ހުރި ދެ ޤައުމުން ވެސް ކަނޑުމަތީ ޙަރަކާތްތައް ހާދިސާތަކަށް ނުބަދަލުވާ ފަދައިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ލާޒިމުވެއެވެ.
ނިއުދެއްލީގެ އޮފިޝަލުން މައުލޫމާތު ދިންގޮތުގައި މި ހާދިސާގައި ބޮޑު ގެއްލުމެއް ނުލިބެއެވެ. އެހެން ނަމަވެސް މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އިންޒާރު ދީފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists