ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މައިގަނޑު މަސައްކަތްތައް ނިންމައި ފިނިޝިންގެ މަރުހަލާ ފެލިވަރުގައި ފަށައިފިއެވެ.
އިންޑިއާގެ ރައިނެކް އިންޑިއާ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢު އާ ބެހޭގޮތުން ޕީއެސްއެމްގައި ވިދާޅުވެފައިވަނީ އެތަނުގައި ކުަަރަންޖެހޭ މަސައްކަތުގެ 93 އިންސައްތަ މިހާރު ފުރިހަމަވެފައިވާ ކަމަށެވެ.
ތަނުގެ ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ބިލްޑިން އޭ އަކީ 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އިމާރާތެއް. ބިލްޑިން ބީގައި 80 ޓަނުގެ އާރްއެސްޑަބްލިއު ސިސްޓަމް 100 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއަކާއި ބިލްޑިން ސީ އެއީ ކަރަންޓު ދިނުމަށް ޚާއްސަ އިމާރާތެއްކަމަށް. އަދި މި ޕަވަރ ހައުސް ބޭނުން ކުރަން ފެށުމުން މުޅި ރަށަށް ކަަރަންޓު ދޭނީ އެ ތަނުން"
އާސިފް ވިދާޅުވީ
މި ފެސިލިޓީ ހުޅުވުމަށް މިހާރު ނިންމާފައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށެވެ. ގާތްގަނޑަކަށް 23 މިލިޔަން ޑޮލަރު ހޭދަވާ މި މަޝްރޫޢު ހިންގަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސް މެދުވެރިކޮށެވެ.
ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ މި މަސައްކަތް ކުރިއަށް ދަނީ އެ ރަށުގެ ފަޅުން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމެއްގައެވެ. މި މަޝްރޫޢުގެ ތެރެއިން ތިން އިމާރާތެއް ހިމެނޭއިރު އައު ބަނދަރެއް ވެސް ވަނީ ނިންމައިފައެވެ. މަސް އުފުލުމަށް އެ ބަނދަރުގައި ތިން ކެރޭން ވެސް މިހާރު ޤާއިމުކޮށްފައިވެއެވެ.
މި ފެސިލިޓީ ޤާއިމުވުމުން އުތުރުގެ މަސްވެރިންނަށް ސީދާ ފެލިވަރަށް މަސް ކިރެން ފެށޭނެ ކަމަށާއި ކޫއްޑޫއަށް ކުރާ ދިގު ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށް މިފްކޯއިން ބުނެއެވެ. އެކުންފުނިން ފާހަގަކުރާ ގޮތުގައި މީގެ ސަބަބުން އުތުރުގެ މަސްވެރިން ތެލަށް ކުރާ ޚަރަދު ވެސް ބޮޑުތަނުން ކުޑަވެގެންދާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists