ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ހިންގި ތަހުގީގުން ޖިނާއީ ކުށެއް ފެންނަން ނެތުމުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި ފުލުހުން އެ މައްސަލަ ފައިލްކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
އެ އޮފީހުން ބުނެފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހެޅި މި މައްސަލަ ދިރާސާކުރުމަށްފަހު، ޕްރޮސިކިއުޝަން މަރުހަލާއިން ޑިކްލައިންކުރަން ނިންމައި އެ ނިންމުން ހިއްސާކޮށްފައިވާނެ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވުނީ ހަމައެކަނި މަހާޒަކަށް ނޫނެވެ. މި މައްސަލައަކީ، ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާއި ހުސްނުއްސުއޫދުގެ މައްޗަށް ޖުމްލަކޮށް ފެށި ތަހުގީގެކެވެ. ޑރ. އަޒްމިރާލްދާގެ މައްސަލަ ވެސް ހެކި ނެތިގެން ޕީޖީންނާއި ފުލުހުން ވަނީ އެ މައްސަލަ ފައިލްކޮށްފައެވެ.
މި މައްސަލައިގައި މިދިޔަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރާލްދާއާއި މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް އޭސީސީން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަނީ އަންގާފައެވެ.
އެ ދުވަހު ޖޭއެސްސީން ވަގުތުން ތިން ފަނޑިޔާރުން ސަސްޕެންޑު ކުރިއެވެ. ސަސްޕެންޑުކުރީ، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ބައްލަވަމުން ގެންދެވި ދަނޑިވަޅުގައެވެ.
މިދިޔަ އަހަރުގެ މާޗްމަހުގެ ހަވަނަ ދުވަހު ފަނޑިޔާރު ސުއޫދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއިރު، އަޒްމިރާލްދާއާއި މަހާޒު ވަކިކުރީ މޭ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.
ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުލިބި ވަކިކުރި ކަމުގެ ކަންބޮޑުވުން އެ ފަނޑިޔާރުންގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނީ ޖަމާއަތްތަކުން ވެސް ފާޅުކުރިއެވެ. ސުއޫދާއި އަޒްމިރާލްދާ ވިދާޅުވެފައި ވަނީ، ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައިގެން ދުސްތޫރީ މައްސަލަ ހުއްޓުވަން މަސައްކަތް ކުރި ކަމަށެވެ. ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ފުލުހުންގެ ތަހުގީގު ފައިލްކޮށް ނިމުނު ނަމަވެސް، އޭސީސީގެ ބައި އަދިވެސް ކުރިއަށް ދާ ކަމެއް ނުވަތަ ނިމިފައިވާ ކަމެއް އެ ކޮމިޝަނުން ސާފުކޮށްދީފައެއް ނުވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists