ޕްރިޒަން އޮފިސަރުންނަކީ ދައުލަތުގެ ސަލާމަތީ ވިއުގައިގައި ބޮޑު ގައުމީ ޒިންމާއެއް އުފުލާ ބައެއް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ, ބޭސިކް ކަރެކްޝަނަލް އޮފިސަރސްގެ ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބެޗު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖުމްލަ 33 ބައިވެރިންނާ އެކު ފެށި މި ކޯހުން 32 ދަރިވަރަކު ވަނީ ކާމިޔާބުކަމާ އެކު ފުރިހަމަކޮށްފައެވެ. ދަސްވެނިވި ފަރާތްތަކުގެ ތެރޭގައި ކުރިން އިންޑަކްޝަން ޓްރޭނިންގ ފުރިހަމަކޮށްފައިވާ ތިން އޮފިސަރަކު ވެސް ހިމެނެއެވެ. މި ޕްރޮގްރާމަކީ އެމްސީއެސްގެ ހިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް މަސައްކަތުގެ ޒިންމާތަކާއި އަސާސީ ހުނަރުތައް ދަސްކޮށްދިނުމުގެ ބޭނުމުގައި ހިންގާ ކޯހެކެވެ.
މިނިސްޓަރު އަލީ އިހުސާން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޕްރިޒަން އޮފިސަރުންނަކީ ދައުލަތުގެ ސަލާމަތީ ވިއުގައިގައި ބޮޑު ގައުމީ ޒިންމާއެއް އުފުލާ ބައެއް ކަމަށެވެ. ކުށްވެރިން ޖަލަށް ގެނެވޭ ހިސާބުން ފެށިގެން އަނބުރާ މުޖުތަމައަށް ނެރެވެންދެން، އެ މީހުން ބެލެހެއްޓުމާއި އިސްލާހުކުރުމާއި ހެޔޮ ފަރުދުންނަށް ހެދުމުގެ ބުރަ ޒިންމާ އޮތީ އޮފިސަރުންގެ ކޮނޑުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، ކޮންމެ ފަދަ ހުށަހެޅުމެއް ކުރެވުނު ނަމަވެސް އަމިއްލަ ނަފުސަށާއި ދައުލަތަށާއި ދީނަށް ތެދުވެރިވެ، އިންޓެގްރިޓީ ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށް މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ކޮމިޝަނަރ ހަސަން ޒަރީރު ވާހަކަފުޅު ދައްކަވަމުން، ކަރެކްޝަންސްގެ ހިދުމަތް ހަރުދަނާކޮށް ބައްޓަންކުރުމަށް އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރަމުން ގެންދާ މަސައްކަތް ފާހަގަކުރައްވައި، އެ މުއައްސަސާގެ އިސްވެރިންނާއި މުދައްރިބުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މި ޕްރޮގްރާމަކީ ޖަލުތަކުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެމްސީއެސް އިން ހިންގަމުން ގެންދާ ތަމްރީނު ސިލްސިލާގެ ބައެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists