ޓްރެފިކް އެކްސިޑެންޓުތައް ހިނގާ ސަރަހައްދުތަކުގެ ކުރެހުން ޑިޖިޓަލްކޮށް ތައްޔާރުކުރެވޭ "ސްމާޓްޑްރޯ" ނަމަކަށް ކިޔާ ސޮފްޓްވެއާއެއް ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓުން ބޭނުންކުރަން ފަށައިފިއެވެ.
މި ސޮފްޓްވެއާ ފަރުމާކޮށްފައި ވަނީ، ހާދިސާ ހިނގި ތަންތަނުގެ ކުރެހުންތައް ފަސޭހަކަމާ އެކު ތައްޔާރުކުރެވޭ ގޮތަށެވެ. ސީދާ މަގުތަކާއި އަނގޮޅިތައް ހިމެނޭ ގޮތަށް ތަފާތު ބާވަތުގެ މަގުތަކުގެ ސެޓަޕް ކުރީބައިގައި ސޮފްޓްވެއާގައި ރައްކާކޮށްފައި ހުންނައިރު، އެކި ބާވަތުގެ އުޅަނދުފަހަރާއި ޓްރެފިކް ނިޝާންތަކާއި މަގުބައްތި އަދި ތަހުގީގަށް ބޭނުންވާ އެހެނިހެން މުހިންމު ބައިތައް ވެސް ހިމެނެއެވެ. އޭގެ އިތުރުން ގޫގުލް މެޕާ ސެޓެލައިޓް ފޮޓޯ ސޮފްޓްވެއާއަށް އެތެރެކޮށްގެން، ހާދިސާ ހިނގި ތަނުގެ މަންޒަރު ފުރިހަމައަށް ދައްކައިދެވޭނެ ކަމަށް ފުލުހުން ބުނެއެވެ.
ފޮޓޯ / ފުލުހުން
ފުލުހުން ފާހަގަކުރި ގޮތުގައި، މިއީ މަގުމަތީގެ ހާދިސާތައް ބެލުމުގެ ވަސީލަތްތައް ޒަމާނީކޮށް، ހެކި ވަރުގަދަކުރުމާ އެކު ތަހުގީގުގެ ފެންވަރު މަތިކުރުމަށާއި އޮޕަރޭޝަންތައް އަވަސްކުރުމަށް އެޅި މުހިންމު ފިޔަވަޅެއްކަމަށެވެ.
މި ސޮފްޓްވެއާ ތައާރަފުކުރިއިރު، މަގުމަތީގެ ގަވާއިދާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނަށް މި މަހު ވަނީ އަމަލުކުރަން ފަށާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists