އިންޑިއާ އާއި އެފްރިކާ ޤައުމުތަކާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު އެފްރިކާގެ ތިން ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅުގައި ޖައިޝަންކަރު ވަޑައިގަތީ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާ އަށެވެ.
ގާނާއަށް ވަޑައިގެން ޑރ. ޖައިޝަންކަރު ވަނީ އެ ޤައުމުގެ ރައީސް ޖޯން ޑްރަމާނީ މަހާމާގެ އިތުރުން، ދާޚިލީ ކަންކަމާއި، ތަޢުލީމާއި، މަސްވެރިކަމާއި، އަދި ފަތުރުވެރިކަމާ ބެހޭ ވަޒީރުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި 2025 ވަނަ އަހަރުގެ ޖުލައި މަހު ބޮޑުވަޒީރު ނަރެންދްރަ މޯދީ ގާނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ މިންވަރާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ހުޅަނގު އެފްރިކާގެ ސަރަޙައްދީ އެއްބާރުލުމާއި ބެހޭ ޖަމްއިއްޔާ އިކޯވާސް އާއި، އދ. ގެ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާޙުތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެ ޤައުމުގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި އިންޑިއާގެ އައިޓެކްގެ ދަށުން ހިންގި ޕްރޮގްރާމްތަކުގެ ބައިވެރިންނާ ބައްދަލުކުރެއްވިއެވެ.
ގާނާއަށްފަހު، އައިވަރީ ކޯސްޓަށް ވަޑައިގެން، އެ ޤައުމުގެ ރައީސް އަލާސާން އޮޓާރާގެ އަރިހަށް ޒިޔާރަތްކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރިއާއި، އިޤްތިޞާދީ އަދި ދިފާޢީ އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން ފުޅުދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން އިތިއޯޕިއާއަށް ވަޑައިގެން، އެ ޤައުމުގެ އިސްވެރިންނާވެސް ޖައިޝަންކަރު ބައްދަލުކުރެއްވިއެވެ. މި ދަތުރުފުޅަކީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޮޑުވަޒީރު މޯދީ އިތިއޯޕިއާއަށް ކުރެއްވި ދަތުރުފުޅާއި، އަދި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަޙްމަދު އިންޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ނަތީޖާތައް އިތުރަށް ފުރިހަމަކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއްކަމަށް އިންޑިއާގެ ޚާރިޖިއްޔާއިން ބުނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists