ކީރިތި ގުރުއާންގެ ތަރުޖަމާއަކީ ހުއްޖަތެއްނޫން ކަމަށް ވިދާޅުވި ސަބަބު މައުމޫން ސާފުކޮށްދެއްވައިފި

09 Sep 2019 | 00:41

ކީރިތި ގުރުއާނަކީ ހުއްޖަތެއް ނޫން ކަމަށް މީގެ އެގާރަ އަހަރުކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި ސަބަބު އެމަނިކުފާނު މިއަދު ސާފުކޮށްދެއްވައިފިއެވެ.

ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކީރިތި ގުރުއާނާއި ކީރިތި ގުރުއާންގެ ތަރުޖަމާއަކީ މުޅިން ތަފާތު ދެ އެއްޗެއް ކަމަށެވެ. އެގޮތުން ކީރިތި ގުރުއާން ނިސްބަތް ވަނީ ﷲ ސުބުހާނަހޫ ވަތައާލާއަށް ކަމަށާއި ތަރުޖަމާ ނިސްބަތް ވަނީ އިންސާނުންނަށް ކަމަށެވެ.

"އެއްވެސް އިރަކު އަޅުގަނޑު ދީފައިވާ އިންޓަވިއުއެއްގައި ކީރިތި ގުރުއާނަކީ ހުއްޖަތެއްނޫނޭ ބުނެފައެއް ނޯންނާނެ. އެހެން ނަމަވެސް ކީރިތި ގުރުއާންގެ ތަރުޖަމާއަކީ ހުއްޖަތެއްނޫނޭ ބުނެފައިވާނެ. އެއީ މީގެ 11 އަހަރު ކުރިން އަޅުގަނޑު ދީފައިވާ ޓީވީ އިންޓަވިއު އެއްގައި. އެ އިިންޓަވިއުގައި ގުރުއާންގެ ތަރުޖަމާއަކީ ހުއްޖަތެއްނޫނޭ ބުނުމުން، ބައެއް މީހުން އަޅުގަނޑުގެ ބޮލުގައި ދޮގު އިލްޒާމްތަކެއް އަޅުވަމުން އައިސްފައިވެއެވެ. އެ އިންޓަވިއުގައި މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން އަޅުގަނޑަށް އެ ބުނެވުނީ، ހަގީގަތުގައި ވެސް ހަމަ އެކަން އޮތް ގޮތަށް.'' ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވިއެވެ.

ބަޔާނުގައި މައުމޫނު ވިދާޅުވީ، ކީރިތި ގުރުއާނަކީ މާތް ﷲގެ ކަލާމްފުޅު ކަމަށްވީތީ، އެއީ އެންމެ ފުރިހަމަ ގޮތުގައި އިހުތިރާމް ކުރަންޖެހޭ މުގައްދަސް އެއްޗެއް ކަމަށެވެ. އަދި ކީރިތި ގުރުއާނަކީ އޭގެ ކުރިމަތިން ވެސް އަދި އޭގެ ފަހަތުން ވެސް، އެއްވެސް ބާތިލްކަމެއް ނާންނާނެ އެއްޗެއް ކަމަށް މާތް ﷲގެ ވަހީބަސްފުޅު ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި ކީރިތި ގުރުއާންގެ ތަރުޖަމާއަކީ ކޮންމެ ބަހަކުން ކުރިއަސް އަދި ކިތަންމެ މޮޅަކަށް، ކިތަންމެ ފުރިހަމަކޮށް ކުރިޔަސް މުގައްދަސް އެއްޗެއް ނޫން ކަމަށް މައުމޫން ވިދާޅުވިއެވެ.

"ޝަރުއީ ނަޒަރަކުން ބަލާއިރު ހުއްޖަތަކީ އެ މައްޗަށް އަމަލުކުރުން ކަނޑައެޅިގެން ލާޒިމްވާ ގޮތަށް އައިސްފައިވާ ޝަރުއީ ދަލީލެވެ. މިސާލަކީ ކީރިތި ގުރުއާންގައި އައިސްފައިވާ މާތް ﷲގެ ސާފު ސީދާ ސޮރީހަ އަމުރުފުޅުތަކާއި ނަހީތަކެވެ. ހަމަ އެފަދައިން ކީރިތި ރަސޫލާގެ ސުންނަތުގެ ތެރެއިން އެއްވެސް ޝައްކެއް، އޮޅުމެއް ނެތް ގޮތުގައި ވާރިދުވެފައިވާ ސައްހަ ހަދީސްފުޅުތަކެވެ. އެ ހަދީސްފުޅުތަކުގައި އައިސްފައިވާ ސާފު ސީދާ އޮޅުމެއް ނެތް ސަރީހަ އަމުރުފުޅުތަކާއި ނަހީތަކެވެ." ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން ވަނީ މީގެ 11 އަހަރު ކުރިން އެމަނިކުފާނުގެ ވެރިކަމުގެ ފަހު އަހަރު، 2008 ވަނަ އަހަރު ޓީވީއެމުން ގެނެސްދިން ސިޔާސަތު ޕްރޮގްރާމްގައި، އަންހެނުން ބުރުގާ އެޅުމާ ގުޅޭ ގޮތުން ޕްރެޒެންޓަރު މުހައްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ކީރިތި ގުރުއާނުގެ ތަރުޖަމާއަކީ ހުއްޖަތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރައީސް މައުމޫންގެ އެވާހަކަފުޅާއި ގުޅިގެން ބައެއް އިލްމުވެރިންނާއި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވިއެވެ.

Advertisement

ކޮމެންޓް