Advertisement

މެލޭޝިޔާގެ ކުންފުންޏަކަށް އެޗްޑީސީން 22 މިލިޔަނަށްވުރެ ގިނަ ޑޮލަރު ދޭން ހުކުމްކޮށްފި

07 Jul 2020 | 14:58

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތް ގާއިމްކުުރުމަށް މެލޭޝިޔާގެ ޑަބްލިޔުޒެޑްއާރު ޕްރޮޕަޓީ ސެންދިރިއަން ބަރުހާދު ކުންފުންޏާއި އެކު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވެފައިވާ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ފައިސާ ނުދިނުމުގެ ބަދަލެއްގެ ގޮތުން އެކުންފުންޏަށް 22 މިލިޔަނަށްވުރެ ގިނަ ޑޮލަރު ދޭން ހުކުމްކޮށްފިއެވެ.

މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަންޕޫރުގައި ހުންނަ އޭޝިޔަން އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ޑަބްލިޔުޒެޑްއާރު ކުންފުނިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި މައްސަލަ ހުށައަޅާފައިވަނީ، މި ޕްރޮޖެކްޓްގެ މަސައްކަތަށްވާ ފައިސާ ނުދީގެންނެވެ.

އެގައުމުގެ ނޫހެއްކަމަށްވާ "މެލޭ މެއިލް" އިން ރިޕޯޓްކުރާ ގޮތުގައި އޭއައިއޭސީން ވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ އިންވޮއިސަަށްވާ ފައިސާ ހޯދުމުގެ ހައްގު ޑަބްލިޔުޒެޑްއާރު ކުންފުންޏަށް ލިބިގެންވާކަމަށް ބުނެފައެވެ. އެއާއި އެކު އާބިޓްރޭޝަނުން ވަނީ ޖުލައި 5އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެޗްޑީސީން މެލޭޝިޔާގެ ކުންފުންޏަށް 22,823,432.68 ޑޮލަރު ނުވަތަ 351 މިލިޔަނެއްހާ ރުފިޔާ ދައްކަން ޖެހޭކަމަށް ހުކުމްކޮށްފައެވެ.

އަދި މީގެ އިތުރުން ހަތްދުވަހުގެ ތެރޭގައި އެކި މުއްދަތުގައި ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 6.5 އިންސައްތަ އިންޓްރެސްޓާއި، އެހެނިހެން ގާނޫނީ ޚަރަދުތަކުގެ ފައިސާ ދޭންވެސް ވަނީ އަމުރުކޮށްފައެވެ. މިއާއި އެކު ޑަބްލިޔުޒެޑްއާރު ކުންފުނިން ވަނީ އާބިޓްރޭޝަންގެ މި ނިންމުމަށް މަރުހަބާ ކިޔައި، އެޗްޑީސީގެ އަތުން މި ފައިސާ ހޯދުމަށް މެލޭޝިޔާގެ ފޮރިން މިނިސްޓްރީގެ އެހީ ހޯދާނެކަމަށް ބުނެފައެވެ.

މެލޭ މެއިލް ނޫހުން ރިޕޯޓްކުރާ ގޮތުގައި ފިނޭންސް މިނިސްޓްރީގެ އިމާރާތް އެޅުމަށް ޚަރަދުވާ ފައިސާ ނުދިނުމުން ޑަބްލިޔުޒެޑްއާރު ކުންފުނިން ވަނީ މައްސަލަ އާބިޓްރޭޝަނަށް ވެއްދުމަށްފަހު، މަސައްކަތްތައް ހުއްޓާލާފައެވެ. ނަމަވެސް މި ޕްރޮޖެކްޓް ކެންސަލްކުރިކަން މިހާތަނަށް އެކުންފުންޏަށް އަންގާފައެއް ނުވެއެވެ.

އެ ނޫހުން އިތުރަށް ބުނިގޮތުގައި އިމާރާތުގެ މަޝްރޫއު ހުޅުމާލެއަށް ބަދަލުކުރުމުން އެމްޕްލޯޔަރެއްގެ ހައިސިއްޔަތުން މެލޭޝިޔާގެ ކުންފުންޏާއި އެކު ސޮއިކުރީ އެޗްޑީސީއެވެ. 2017 ވަނަ އަހަރު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މި ޕްރޮޖެކްޓަށް ޚަރަދުކުރުމުގެ ޒިންމާ އެޗްޑީސީއަށް ބަދަލު ކުރެވުނެވެ. ނަމަވެސް މިއީ އެންމެ ފުރަތަމަ ޑިޒައިން، ބިލްޑް އެންޑް ފައިނޭންސް އުސޫލުގެ ދަށުން މެލޭޝިޔާގެ ކުންފުންޏަށް ދެވުނު ޕްރޮޖެކްޓެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެޗްޑީސީއާއި އެކު ގާއިމްކުރެވުނު އާ އެއްބަސްވުމުގެ ދަށުން މި ޕްރޮޖެކްޓަށް ފައިސާ ހޯދަން އެޗްޑީސީއަށް މެލޭޝިޔާގެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދިނެވެ. ނަމަވެސް އެކުންފުނިން ދެއްކި އެއްވެސް ފައިނޭންސަރަކާއި އެކު އެޗްޑީސީން އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށް މެލޭ މެއިލް ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

މި ޕްރޮޖެކްޓްގެ ބައެއް މަސައްކަތްތައް ކުރުމަށްފަހު 2018 ވަނަ އަހަރުގެ މެއި މަހު ޑަބްލިޔުޒެޑްއާރު ކުންފުނިން ވަނީ މަސައްކަތުގެ ފައިސާއަށްވާ 28 މިލިޔަނެއްހާ ޑޮލަރު ހޯދަން އިންވޮއިސެއް ފޮނުވާފައެވެ. ނަމަވެސް މި ފައިސާ ދައްކަން އެޗްޑީސީން އިންކާރުކުރިއެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުގައި މި ފައިސާތައް ދޭން އެޗްޑީސީން އިންކާރުކުރީ ލޯނު ހަމަޖެހުމުން ފައިސާދޭ ގޮތަށް އެއްބަސްވުމުގައި އޮތް މާއްދާއެއް ދެއްކުމަށް ފަހުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ޕްރޮޖެކްޓާއި ގުޅިގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި އެޗްޑީސީން ވަނީ މެލޭޝިޔާގެ ކުންފުންޏަށް 3 މިލިޔަން ޑޮލަރު ދީފައެވެ. އާބިޓްރޭޝަންގެ މި ނިންމުމާއި ބެހޭގޮތުން އެޗްޑީސީން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

Advertisement

ކޮމެންޓް