މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް އާއި ރައީސް ޑރ މުހައްމަދު މުއިއްޒު--ފޮޓޯ/ރައީސް އޮފީސް
ހަބަރު
15 Dec 2023 | 17:42
ރައީސް އަޒުލު ކުރުމާ ގުޅޭ ނިންމުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފް ނިންމުމެއް: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރެވޭ ގޮތަށް އިއްޔެ މަޖިލީހުގެ ޢާއްމު ކޮމިޓީން ނިންމި ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީ އާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް، މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި އެމްޑީޕީ މެންބަރުންގެ ވޯޓުން، ރައީސާއި ނާއިބު ރައީސް އަޒުލު ކުރެވޭ ފަދަ ގޮތަކަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަށް އިއްޔެ އާއްމު ކޮމިޓީން ނިންމި ނިންމުމާއި ގުޅިގެން ޝިޔާމް އެކްސް ގައި ކުރެއްްވި ޕޯސްޓެއްގައި ވިދާޅުވީ، އާންމު ކޮމެޓީގެ އެ ނިންމުމަކީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު ނިންމުމެއް ކަމަށެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާފައި އޮންނަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބުނާ އުސޫލުން. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް ރިއާޔަތްކޮށް ނިންމާ ނިންމުމުގެ އަދަދު، އާންމު ކޮމެޓީން ނިންމާ އަދަދަަށް ނިންމޭނެ އެއްވެސް ހަމައެއް ނޯންނާނެ 

މިނިސްޓަރު އަހުމަދު ޝިޔާމް 

އިއްޔެ ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ރައީސް އާއި ނާއިބު ރައީސް އަޒުލު ކުރުމާއި، އަދި މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާނެ ގޮތާއި ގުޅޭ ގޮތުން މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ. 

އެގޮތުން، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާއިރު، މެންބަރުން އިސްތިއުފާ ދިނުމުން ނުވަތަ އެނޫންވެސް ސަބަބަކާއި ހުރެ ހުސްވެފައިވާ ގޮނޑިތަކާ ނުލައި މެންބަރުންގެ އަދަދު ގުނުމަށް ހުށަހަޅާފައެވެ. 

އައު ސަރުކާރުގެ މަގާމް ތަކާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ޕީޕީއެމް/ޕީއެންސީ މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ، މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރު 80 އަށް އަރާފައިވާއިރު، މެންބަރުންގެ ޖުމުލަ އަދަދަކީ 87 ކަމަށް ބަލަމުންދާތީ މަޖިލީހުގެ ތަޅުމުގައިވެސް މެންބަރު ޝިފާއު މީގެ ކުރިން ނުރުހުން ފާޅުކުރައްވާފައިވެއެވެ. 

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49، 202 އަދި 203 ވަނަ މާއްދާއަށް މިހާރު އޮތް ގޮތުން، އަދި 19 ވަނަ މަޖިލީހުގެ މިހާތަނަށް ޢަމަލު ކުރެވެމުންވެސް އަންނަ ގޮތުން، މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދު ގުނާނީ އެ ދައުރެއްގެ ޖުމްލައަށް ބަލައިގެންނެވެ. އެގޮތަށް ބަލާ ނަމަ، މި ހިނގާ 19 ވަނަ މަޖިލީހުގައި މެންބަރުންގެ ޖުމްލަ އަދަދަކަށް ވާނީ 87 މެމްބަރުންނެވެ. 

ވުމާއެކު، މި ގަވާއިދު ބަދަލު ކުރުމަށް ޝިފާއު ހުށަހަޅުއްވާފައި ވާއިރު، އޭނާގެ ހުށަހެޅުމާ ގުޅިގެން ކޮމިޓީން ފާސްކުރީ؛ 

• ގަވާއިދުގެ ބޭނުމަށްޓަކައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެ ވަގުތު މަޖިލީހުގެ މެމްބަރުކަމުގައި ދެމިތިބި މެމްބަރުންގެ ޖުމްލަ އަދަދަށް ކަން

• މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމާ ހަމައަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވި އެ ދާއިރާގެ ގޮނޑި ނުގުނުން 

އެހެންކަމުން، މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ ގޮތުގައި 87 މެންބަރުން ތިބި ކަމަށް ބެލުމުގެ ބަދަލުގައި ދެން ބަލާނީ 80 މެންބަރުން ތިބި ކަމަށެވެ.

އެހެން ކަމަށް ވާނަމަ، ދެން ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރުމަށް ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. 

އެހެނީ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ރައީސް އާއި ނާއިބު ރައީސް އަޒުލް ކުރަން ގަރާރެއް ހުށަހެޅޭނީ ސަބަބާއެކު މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިން ބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު އެވެ. އަދި ރައީސާއި ނާއިބު ވަކި ކުރެވޭނީ ތިން ބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ. 

މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 87 ކަމުގައި ބަލާ ނަމަ، ރައީސާއި ނާއިބު ރައީސް އަޒުލު ކުރެވޭނީ 58 މެންބަރުންގެ ވޯޓެވެ. ނަމަވެސް މަޖިލީހުގެ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލާނަމަ، އެއީ 54 މެންބަރުންނެވެ. 

އެހެންކަމުން، މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ވެސް ރައީސް އާއި ނާއިބު ރައީސް މަގާމުން ވަކި ކުރެވުދާނެ އެވެ. އެ ޕާޓީގައި މިހާރުވެސް 55 މެންބަރުން އެބަ ތިއްބެވެ. 

ކަންމިހެން ހުރި ނަމަވެސް، ފާހަގަކޮށްލަންޖެހޭ ކަމަކީ، ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މި ހިނގާ 19 ވަނަ ރައްޔިތުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 އެވެ. 

އަދި މަޖިލީހުގެ ގަވާއިދަށް ގެނެވޭ އިސްލާހެއް މެދުވެރިކޮށް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ މާއްދާއަކަށް މުޅިން އާ މާނަކުރުމެއް މަޖިލީހުގެ މެމްބަރުންނަކަށް ނުގެނެވޭނެ ކަމަށް ހަމަ އެ ގާނޫނު އަސާސީގައި ވާއިރު، އެކަން ކުރުމުގެ ބާރުލިބެނީ ގާނޫނުއަސާސީގެ 274 ވަނަ މާއްދާއިން ހަމައެކަނި ސްޕްރީމް ކޯޓަށް ކަމަށްވެސް ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ